އިންޑިއާއިން ދިވެހިރާއްޖެއަށް ހަމަޖައްސައިދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ ދަށުން ނަގާފައިވާ ފުރަތަމަ ބައި ރޯލްއޯވަރ ކޮށްދިނުމަށް ނިންމުމާ ގުޅިގެން، އިންޑިއާ ސަރުކާރަށާއި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިޚްލާޞްތެރި ޝުކުރު އަދާކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، އިންޑިއާގެ މި ނިންމުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން އަލުން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ގުޅުމަކީ ދެފަރާތުގެ އިޙްތިރާމާއި، އެއްބަސްވުމާއި، ހެޔޮއެދުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިންޑިއާ ހިމެނޭހެން މުހިންމު ބައިލެޓަރަލް ޕާޓްނަރުންނާ އެކު އޮންނަ ގުޅުން ރާއްޖެއިން އިތުރަށް ބަދަހިކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ރައްޔިތުންގެ ލާބައާއި މަންފާ ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދައްކަވަމުން ގެންދަވާ ލީޑަރޝިޕަށްވެސް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ތަޢުރީފު ކުރައްވާފައެވެ.