ދިވެހިރާއްޖޭގެ ސަރަޙައްދުގެ ކޮންމެ އިންޗިއެއްގައިވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ސިޔާދަތީ ބާރު ކަމަށާއި، ޤައުމުގެ ސަލާމަތަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވައި ޢާންމުކުރެއްވި ބަޔާނެއްގައެވެ.
ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިސްލާމީ ވަޙުދަތަށް އޮތް ނުރައްކަލެއް ކަމަށާއި އެ ތަނުގެ ބާރު ބޭރުގެ ބަޔަކަށް ދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު އަބަދުވެސް އެ ސަރަޙައްދުގައި ހިނގަމުންދާނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ދިފާޢުކުރުމަށް ފުރާނަ ދޫކޮށްލަން އެ މަނިކުފާނު ހުންނެވީ ހުވާކުރައްވައިގެންނެވެ. އެހެންކަމުން ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ރައްޔިތުން ފުރިހަމަ ޔަޤީންކަމާއެކު ތިބުމަށް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ރަސްމާލެއަކީ ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ސިނާޢީ އެކި ބޭނުންތަކަށް 200 އަށްވުރެ ގިނަ ރަށް ދޫކޮށްފައިވާ ކަމަށެވެ. އެ ރަށްރަށުގެ އެތެރޭގެ ސެކިއުރިޓީ އަމިއްލައަށް ބެލެހެއްޓި ނަމަވެސް، ޤާނޫނީ ވާޖިބެއް އަދާކުރަންޖެހޭ ކޮންމެ ހާލަތެއްގައި ދިވެހި ފުލުހުން އެކަން ކުރަމުންދާ ފަދައިން، ރަސްމާލޭގައިވެސް އެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.
ޤައުމީ ސަލާމަތާ ގުޅުންހުރި މިފަދަ މުހިންމު ކަންކަމުގައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް ދޮގު ވާހަކަ ނުފެތުރުމަށް ވަޒީރު އިޙްސާން ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ.