އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ބައި-އިލެކްޝަންތަކުގައި، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ޗެކްކޮށް، މުއްދަތުގެ ކުރިން ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކުރައްވައިފިއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އީސީގެ ޑިރެކްޓަރ ޝަހުލާ އިސްމާޢީލް ވިދާޅުވީ، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ވޯޓުލާ މަރުކަޒުތަކަށް ސައްޙަ އަދި ފުރިހަމަ ރަޖިސްޓްރީއެއް ފޮނުވައި، އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން ކަމަށެވެ. ގިނަ ފަހަރަށް ވޯޓާސް ލިސްޓުގެ މައްސަލަތައް ފާހަގަވަނީ ވޯޓުލާން މަރުކަޒަށް ދިއުމަށްފަހު ކަމަށާއި، ޤާނޫނު އޮންނަގޮތުން ޝަކުވާ ހުށަހަޅާ މުއްދަތު ހަމަވުމަށްފަހު ވޯޓުލާ މީހުންގެ ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ގެނައުމުގެ އިޚްތިޔާރެއް އީސީއަށް ނޯންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ރަޖިސްޓްރީއަށް ބިނާކޮށް އާންމުކުރާ މި ލިސްޓުގައި، މީހަކު ނިޔާވުން ފަދަ ކަންކަމުގައި ވަގުތުން ބަދަލު ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިފައި ނުވާކަން ޝަހުލާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރީ ޗެކްކުރުމަށް ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، އިންތިޚާބުގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ އިތުބާރު ޤާއިމުކުރުމަށް އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ޝަހުލާ ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތަކުން ވެސް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ޕާޓީތަކަށް ވެސް ވަކިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮތްކަން އޭނާ ވަނީ ހަނދާންކޮށްދެއްވާފައެވެ.