އޯއައިސީގައި ހަރަކާތްތެރި، އިސް ދައުރެއް އަދާކުރާ ޤައުމަކަށް ރާއްޖެ ހެދުން އަމާޒެއް: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
އޯއައިސީގައި ހަރަކާތްތެރި، އިސް ދައުރެއް އަދާކުރާ ޤައުމަކަށް ރާއްޖެ ހެދުން އަމާޒެއް: ޚާރިޖީ ވަޒީރު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކޮށް، ހަރަކާތްތެރި އަދި އިސް ދައުރެއް އަދާކުރާ ޤައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރާގުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 52 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވަނީ މި ދަތުރުފުޅުގެ މުހިންމު ކަމާއި ޚާރިޖީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިރާގަށް ވަޑައިގެންނެވި ޚާރިޖީ ވަޒީރަށް އެ ޤައުމުގެ އެއާޕޯޓުން މަރުޙަބާ ދެންނެވީ އިރާގުގެ ޕޮލިޓިކަލް ޕްލޭނިންގގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަޙްމަދު އަލްދުލައިމީއެވެ.

މި ސެޝަންގެ އެންމެ މުހިންމު އެޖެންޑާއަކީ ފަލަސްޠީނުގެ މައްސަލަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަލަސްޠީނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށާއި، ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި އިސްލާމީ ހުރިހާ ޤައުމުތަކަކުން ތަޤުރީރުދީ އެއްބައިވަންތަކަން ހާމަކުރުމަށް މި ސެޝަންގައި މަޝްވަރާކުރެވޭނެ ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ހިމާޔަތުގައި ހުރިހާ މެންބަރު ޤައުމުތަކުން ގުޅިގެން މަސައްކަތްކޮށް، ކުރިއަށްވުރެ ބޮޑަށް ބާރުއަޅާ ތަންފީޒީ ޕްލޭނަކަށް އިޖާބަދިނުމަށް މި ބައްދަލުވުމުގައި ގޮވާލައްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގައާއި ސަލާމަތީ މަޖިލީހުގެ އިތުރުން އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައިވެސް ރާއްޖެއިން އަންނަނީ އެއްގޮތެއްގައި އަޑުއުފުލަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބިނާކުރަނިވި ގޮތެއްގައި ހުށަހެޅޭ އެފަދަ ހުރިހާ ޤަރާރަކަށް ރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މީގެ އިތުރުން، މިހާރު ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށާއި މުޅި އިސްލާމީ އުއްމަތަށް ލިބެމުންދާ ގެއްލުންތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލެވޭނެއެވެ. އެގޮތުން ކާބޯތަކެއްޗާއި އަސާސީ މުދާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އިޤުތިޞާދީ އަދި ދަތުރުފަތުރުގެ ދަތިތަކަށް ހައްލު ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މި ސެޝަންގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން