ރާއްޖޭގައި ފަތުރުވެރިކަން ފެށުނީންސުރެ ކޮންމެވެސް ވަރަކަށް ޔަހޫދީން ރާއްޖެ އައިސް އުޅެއެވެ. ސަރުކާރުން ގެނެސްގެނެއް ނޫނެވެ. ފަތުރުވެރިންގެ ގޮތުގައި އެމީހުން އަމިއްލައަށެވެ. ދިވެހި ސަރުކާރަކުން ޔަހޫދީން ރާއްޖެ ގެނައި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެވެ. ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެގޮތުން އެންމެ ފައުލުކަން ބޮޑު ގޮތެއްގައި ގެނައީ ލޮލުގެ ފަރުވާ ދިނުމުގެ ނަމުގައެވެ.
ޔަހޫދީންނަކީ މުސްލިމުންނަށް އޯގާތެރި، އެހީތެރިވެދޭ ބައެއްކަން ދިވަހިންނަށް އަންގައިދޭން ކުރަމުން ގެންދިއަ ތަފާތު ގިނަ ކަންތައްތަކުގެ ތެރެއިން ހިންގި މިބޮޑު ޖަރީމާއަށް އެއިރުވެސް ރައްޔިތުންގެ ބޮޑު އަޣަލަބިއްޔަތަކުން ވަނީ ދެކޮޅުހަދައި ނުރުހުން ފައުލުކޮށްފައެވެ.
ދެން ބަލައިލަންވީ އިޒްރޭލުގެ ރަސްމީ އެއާލައިން ރާއްޖެ ގެންނަން އެއިރު ކުރި މަސައްކަތަށެވެ. އެކަމަށް ރާއްޖެއިން އެއްބަސްވިއެވެ. ޖީއެމްއާރަށް އެއާޕޯޓް ދިން އެންމެ ބޮޑު ބޭނުމެއްކަމަށްވެސް ބެލިފައި އޮތީ ރޭގަނޑުގެ ވަޤުތެއްގައި ފްލައިޓް ޖައްސަން ހަމަޖައްސައި އެވަޤުތު އެއްވެސް ދިވެއްސަކު ޓާރމިނަލުން ބޭރުގައި މަސައްކަތްކުރަން ނުބެހެއްޓުމެވެ. އެއީ ނުރައްކަލެއް ކަމަށް ބަލައިގެންނެވެ.
އެދަތުރުތައް ފަށަން ރާވާފައި އޮތީ ސްރީލަންކާއަށާއި ރާއްޖެއަށް ކުރާ ދަތުރުތަކެއްގެ ގޮތުގައެވެ. ރާއްޖެއަށް އެކަނި ދަތުރުކޮށްގެން އެއާލައިނަށް ފީސިބަލް ނުވާތީއެވެ. ދަތުރުތައް ނުފެށުނީ ސްރީލަންކާއިން އެކަމަށް ކްލިއަރެންސް ނުދިނުމުންނާއި ޖީއެމްއާރުއަތުން އެއާޕޯޓް އަތުލުމުގެ ޙަރަކާތްތައް ފެށުނީތީއެވެ.
އިޒްރޭލް އެއާލައިން ރާއްޖެ އައުމުގެ ވާހަކައަކީ ރަސްމީކޮށް ރައީސް ނަޝީދުގެ ސަރުކާރުން ޢާންމުނުކުރާ ވާހަކަތަކެއް ނަމަވެސް ސްރީލަންކާއާއި ރާއްޖޭގެ ނޫސްވެރިން އިޒްރޭލަށް ގެންގޮސް އިޒްރޭލުން ވަނީ އެވާހަކަދައްކައިފައެވެ. ދަތުރުގެ މަޢުލޫމާތު ހާމަކޮށްފައެވެ.
މިހުރިހާ ކަމެއްކޮށްފައި މިއަދު ރާއްޖެއަށް ޔަހޫދީން ގެންނަން އުޅޭކަމުގެ ތުހުމަތުކޮށް މަގުމައްޗަށް ނުކުންނަ ޙާލަތަށް ކަންކަން ދިއުމުން އެބައަކަށް މުނާފިޤުން ނޫނީ ކިޔަންއޮތީ ކޮންނަމެއްތޯއެވެ؟ މުނާފިޤުންގެ ވާހަކަތައް ހުންނާނެ ގޮތާއި ކުރާނެ ކަންކަން އެއީ އޮޅިފައި އޮތް ކަމެއް ނޫނެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓްރީ ތެރޭގައި ޚާއްޞަ ޔުނިޓެއް ހަދައިގެން އިޒްރޭލާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރިކަމާއި އެކަމުގައި އިސްދައުރެއް އެއިރުގެ ޑިފެންސް މިނިސްޓަރު އަދާކުރެއްވިކަން އެއީވެސް ހާމަވެފައިވާ ބޮޑު ސިއްރެކެވެ.