ދުނިޔޭގެ ބާޒާރުގައި ތެލާއި ޖެޓް ފިއުލްގެ އަގުތައް އުފުލުމާ ގުޅިގެން އެއާލައިންތަކުގެ ޓިކެޓުގެ އަގުތައް ބޮޑުވި ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުކޮށްފައި ނުވާނެ ކަމަށް ފަތުރުވެރިކަމާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިހެން ވިދާޅުވީ އާންމުންނަށް ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމަށް ބާއްވާ 'އަހާ' ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފޯރަމްގައި ސުވާލު ކުރި ފަރާތުން ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި ފަތުރުވެރިން ގެނައުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް، އަގުތައް ކުޑަވާނީ ކޮން ދުވަހަކުންތޯ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުން ޓިކެޓުގެ އަގު %30 އާއި %40 އާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރާއްޖޭގައި އެތެރޭގެ ދަތުރުފަތުރުގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުމުގެ އެއްވެސް ޓިކެޓެއްގެ ނޫނިއްޔާމު އެއްވެސް ސެކްޓަރ އެއްގެ ޓިކެޓެއްގެ އަގު ބޮޑު ކޮށްފައެއް ނުވާނެ. އަދި ތެލުގެ އަގުތަކަށް އައި ބަދަލުތަކާއި ގުޅިގެންވެސް ޓިކެޓްގެ އަގު ބޮޑުކޮށްފައެއް ނުވާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ގެސްޓްހައުސް ޓޫރިޒަމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ގެސްޓްހައުސްތަކަށާއި ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމުގައި ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދޫކުރާ ޓިކެޓުތަކުގެ އަގު، ކުރިން ހުރި ވަރަށްވުރެ ވެސް މިހާރު ކުޑަކުރެވިފައިވާ ކަމަށެވެ.
ދުނިޔޭގެ ބާޒާރަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް، ސަރުކާރުގެ އަމާޒަކީ އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކޮށް، ލުއިގޮތްތަކެއް ހޯދައިދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.