އެރައިޒް މަޝްރޫޢުގެ ދަށުން 13 ރަށެއްގައި ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެރައިޒް މަޝްރޫޢުގެ ދަށުން 13 ރަށެއްގައި ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފަށައިފި

އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އިނާޖީ (އެރައިޒް) މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް މިހާރު ފަށައިގެން ކުރިއަށް އެބަދެއެވެ.

މި ޕެކޭޖުގެ ތެރޭގައި ސޯލާ ހަކަތައިގެ އިތުރުން ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުން ހިމެނެއެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ އެރަށްރަށުގެ ރައްޔިތުންނަށް މަޝްރޫޢުގެ ލަނޑުދަނޑިތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ރާއްޖޭގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މުހިންމުކަމާއި އޭގެ ފައިދާތައް ބަޔާންކޮށްދިނުމެވެ. މީގެއިތުރުން، މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް (ގްރީވަންސް ރެޑްރެސް މެކޭނިޒަމް) އޮޅުންފިލުވައިދިނުން ވެސް މި ސެޝަންތަކުގައި ހިމެނެއެވެ.

މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ބާއްވާފައިވަނީ ށަވިޔަނި ފުނަދޫގެ އިތުރުން ލާމު އަތޮޅު މާބައިދޫ އަދި ކުނަހަންދޫގައެވެ.

މި ބައްދަލުވުންތަކުގައި ކަމާގުޅޭ ރަށު ކައުންސިލްތަކުގެ މަންދޫބުންނާއި، ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުގެ އޮފިޝަލުން ވަނީ މަޝްރޫޢުގެ ޓީމާއެކު ބައިވެރިވެފައެވެ. އަދި އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ، މަޝްރޫޢާ ގުޅޭގޮތުން ހުށަހެޅި ޚިޔާލުތަކަށް މަޝްވަރާކޮށް، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަރޯސާވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިއަދު އޮންލައިން