އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބައްލަވައި ވަޒީރު އިޙްސާން ހިތްވަރު ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބައްލަވައި ވަޒީރު އިޙްސާން ހިތްވަރު ދެއްވައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އޭނާއަށާއި އާއިލާއަށް ހިތްވަރު ދެއްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދް ފިކްރީވެސް ބައިވެރިވެވަޑައިގެންނެވި މި ޒިޔާރަތުގައި، ވަޒީރު އިޙްސާން ވަނީ އެއްވެސް ފަސްޖެހުމެއްނެތި ގައުމީ ވާޖިބު އަދާކުރުމުގައި އަނިޔާވި އޮފިސަރު ދެއްކެވި ސާބިތުކަމާއި ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ގާނޫނު ތަންފީޒުކުރުމަށް ފުލުހުން ވަމުންދާ މަތިވެރި ގުރުބާނީއަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، މި ދަތި ދަނޑިވަޅުގައި އޮފިސަރުގެ އާއިލާއަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި މުއައްސަސާގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ހިނގައިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހުގެ ފަތިހު 04:29 އެހައިކަންހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ލިބުނީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށް ގާއިމުކޮށްފައިވާ ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުންނަވަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ބެރިކޭޑުގައި ޖެހި، އެ އޮފިސަރުගේ ގައިގައި ޖެހުމުގެ ސަބަބުންނެވެ.

މިއަދު އޮންލައިން