ސެޕްޓެމްބަރު މަހު އެމްޕީއެލްއިން އެންމެ ގިނައިން ކްލިއާކުރީ ބިހާއި ފިޔާ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ސެޕްޓެމްބަރު މަހު އެމްޕީއެލްއިން އެންމެ ގިނައިން ކްލިއާކުރީ ބިހާއި ފިޔާ!

ނިމިދިޔަ ސެޕްޓެމްބަރު މަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެންމެ ގިނައިން ކްލިއާކޮށްފައިވަނީ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބިހާއި ފިޔާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ މަހު އެކަނިވެސް މާލޭ ވިޔަފާރި ބަނދަރުން ޖުމްލަ 178,197 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު އެންމެ ގިނަ އަދަދަކަށް އެތެރެކޮށް ކްލިއާކުރި ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ 77,595 ކޭސް ބިހާއި، 41,122 ބަސްތާ ފިޔާއެވެ. މީގެ އިތުރުން 39,582 ކޭސް ކަރާ، 23,610 ބަސްތާ އަލުވި އަދި 17,102 ކޭސް ޓޮމާޓޯ ވެސް މިދިޔަ މަހު ވަނީ ކްލިއާކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ މަހު ބޯޓުފަހަރު އައި މިންވަރަށް ބަލާއިރު، ކޮންޓެއިނަރު އުފުލާ 14 ބޯޓަކާއި އާންމު މުދާ އުފުލާ 26 ބޯޓު ބަނދަރުކޮށްފައިވެއެވެ. އަދި އޮޕަރޭޝަންތައް ނިންމުމަށްފަހު ބަނދަރުން ފުރާފައިވަނީ ކޮންޓެއިނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 6 ބޯޓެވެ. މި އުޅަނދުފަހަރުން ގެނައި މުދަލުގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 5,673 ކޮންސައިންމަންޓާއި އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 1,667 ކޮންސައިންމަންޓް ހިމެނެއެވެ.

ކޮންޓެއިނަރުގެ ހަރަކާތްތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު ބަނދަރުން ވަނީ 7,139 ޓީއީޔޫގެ ކޮންޓެއިނަރު އަންލޯޑްކޮށް، 7,386 ޓީއީޔޫގެ ކޮންޓެއިނަރު ލޯޑްކޮށްފައެވެ. މިއާއެކު މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރުގެ ޖުމްލަ ކޮންޓެއިނަރު ތްރޫޕުޓް ވަނީ 14,525 ޓީއީޔޫއަށް އަރާފައެވެ.

މިއަދު އޮންލައިން