މަރްޔަމް ސާޖިދާ
އަދުގެ ބާރު ދުވެލީގައި ކުރިއަށްދާ ދުނިޔޭގައި، ގިނަމީހުނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވަގުތު މެނޭޖުކުރުމެވެ. ވަޒީފާ، ކިޔެވުން، އާއިލާ އަދި އިޖުތިމާއީ ޒިންމާތަކުން އަވަދެނިތި އުޅެންޖެހުމުގެ ސަބަބުން، ގިނަފަހަރަށް އަޅުގަނޑުމެނަށް ކުރެވޭ ކަމަކީ ދުވަހުގެ ތާވަލުގެ ހުސްވަގުތުކޮޅެއްގެ ތެރެއަށް ނަމާދު ފައްތާލަން އުޅުމެވެ. ނަމަވެސް، މުސްލިމެއްގެ ހަގީގީ ކާމިޔާބީއާއި ހިތުގެ ހަމަޖެހުން ގުޅިފައިވަނީ މިއާދަ ބަދަލުކޮށް، ނަމާދު ވަގުތުތަކަށް ބަލައިގެން ދުވަހުގެ އެހެނިހެން ކަންކަން ރޭވުމުގެ މައްޗަށެވެ.
ނަމާދަށް ދުވަސް ފަރުމާކުރުމުގެ މާނައަކީ ކޮބާ؟
މީގެ މާނައަކީ ދުވަހުގެ އެޖެންޑާ އެކުލަވާލާއިރު، އެންމެ ފުރަތަމަވެސް ފަރުޟު ފަސް ނަމާދުގެ ވަގުތުތައް ކަނޑައެޅުމެވެ. އެއަށްފަހު ބައްދަލުވުންތަކާއި، ދަތުރުފަތުރާއި އަދި މުނިފޫހިފިލުވުމުގެ ކަންކަން ނަމާދުގެ ވަގުތުތަކަށް ހުރަސް ނޭޅޭނެހެން ތަރުތީބު ކުރުމެވެ.
މިބަދަލުގެ ސަބަބުން ލިބޭ ފައިދާތައް:
- ބަރަކާތް އިތުރުވުން: މާތްﷲ އަށް އަދާކުރަންޖެހޭ ޙައްޤުތަކަށް އިސްކަން ދިނުމުން، މަސައްކަތުގައި ބަރަކާތް ލައްވައެވެ. މަދުން ކުރެވޭ މަސައްކަތަކުން ވެސް ބޮޑު ނަތީޖާއެއް ފެންނަން ފަށައެވެ.
- ސްޓްރެސް ކުޑަވުން:
- ނަމާދު ވަގުތު ޖެހޭއިރު، އަވަސްއަރުވާލާފައި، ކަންކަން ކުރަން ނުޖެހުމުގެ ސަބަބުން ނަފްސާނީ ހަމަޖެހުން ލިބުމަށް މަގުފަހިވެއެވެ. ނަމާދަކީ ދުނިޔޭގެ ހާސްކަމުން ދުރުވެ، ހިތަށް ފިނިކަން ލިބޭ އުފާވެރި ވަގުތުކޮޅަކަށް ވެގެންދެއެވެ.
- ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން:
- ފަރުޟު ފަސްނަމާދުގެ ވަގުތަކީ ދުވަސް ބަހާލުމަށް ލިބޭ އެންމެ ފުރިހަމަ ޓައިމްލައިނެވެ. އެހެންކަމުން، މިއީ ވަގުތު ބޭކާރުވިޔަނުދީ ކަންކަން ވަގުތުން ނިންމުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
- މިއާދަ އަށަގަންނުވާނީ ކިހިނެއް؟
- ނިޔަތް ޚާލިޞްކުރުން : އެންމެ ފުރަތަމަ ކަމަކަށް، ނަމާދަށް އިސްކަންދެނީ ﷲ ތަޢާލާގެ ރުހުން ހޯދުމަށްކަން ހިތުގެ އަޑިން ޤަބޫލުކޮށް ނިޔަތް ގަންނާށެވެ.
- ޓެކްނޮލޮޖީގެ ބޭނުން ހިފުން: ފޯނުގައި ނަމާދުގެ ވަގުތުތައް ހަނދާންކޮށްދޭ އެޕްލިކޭޝަންތައް ބޭނުންކޮށް، އެލާމް ސެޓް ކުރާށެވެ.
- ނޫނެކޭ ބުނަން ދަސްކުރުން: ނަމާދު ވަގުތާއި ދިމާވާގޮތަށް ރޭވޭ އިތުރު ކަންކަމަށް ނޫނެކޭ ބުނަން ނުވަތަ ވަގުތު ބަދަލުކުރަން ފަސްނުޖެހޭށެވެ.
- އަޅުގަނޑުމެނަށް ފަލާޙާއި ކާމިޔާބު ލިބެން އޮތީ، ދުވަހުގެ ބިޒީ ޝެޑިއުލްގެ ތެރެއަށް ނަމާދު ފައްތަން އުޅުމުގެ ބަދަލުގައި، ނަމާދުގެ ވަށައިގެން ދުވަސް ބިނާކުރުމުންނެވެ.
- މިއަދުނޫސް