އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާ ކަސްޓަމަރުންގެ ބޭންކިންގ ޚިދުމަތްތައް އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން މަޢުލޫމާތު ދޭ ގޮތުގައި މިއީ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމުގެ އާދަ އަށަގަންނުވައި، ކަސްޓަމަރުންގެ އެކައުންޓްތައް ހަރުދަނާކޮށް ބެލެހެއްޓުމަށް އެހީތެރިވުމުގެ މަޤްޞަދުގައި އަޅަން ނިންމި މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، އެއްވެސް މެދުކެނޑުމެއް ނެތި ބޭންކިންގ ޚިދުމަތްތައް ލިބިގަތުމަށްޓަކައި، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާސްކުރުމަށް އެ ބޭންކުން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، އޯވާޑިއު ފައިސާ ހުރި ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި، ޚިދުމަތް މެދުކެނޑިދާނެކަމުގެ އިންޒާރު ދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މެސެޖު ފޮނުވަމުން ގެންދާނެ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.
ފައިސާ ނުދެއްކިގެން ޚިދުމަތް މެދުކެނޑޭ ހާލަތްތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމުން 24 ގަޑިއިރު (އެއް ދުވަސް) ތެރޭގައި އަލުން ޚިދުމަތް އިއާދަކޮށްދެވޭނެ ކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވާނަމަ، އެސްއެމްއީ ޑިޖިޓަލްގެ ހާއްސަ ނަންބަރު 1613 އަށް ގުޅުއްވުމަށް އެ ބޭންކުން ވަނީ އެދިފައެވެ.