ކުރިއަށް އޮތް 5 އަހަރު ތެރޭ ޕެންޝަން ފަންޑު 60 ބިލިއަނަށް އިތުރުކުރުމަކީ އަމާޒެއް: ޕެންޝަން އޮފީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކުރިއަށް އޮތް 5 އަހަރު ތެރޭ ޕެންޝަން ފަންޑު 60 ބިލިއަނަށް އިތުރުކުރުމަކީ އަމާޒެއް: ޕެންޝަން އޮފީސް

ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި 30 ބިލިއަން ރުފިޔާގައި އޮތް ރާއްޖޭގެ ޕެންޝަން ފަންޑު، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދެގުނައަށް އިތުރުކޮށް 60 ބިލިއަން ރުފިޔާއަށް ބޮޑުކުރުމުގެ ބޮޑު އަމާޒެއް ޕެންޝަން އޮފީހުން ކަނޑައަޅައިފިއެވެ.

މި އަމާޒަށް ދިއުމަށްޓަކައި ހަމައެކަނި ލިބެން ހުރި އިންވެސްޓްމަންޓް ފުރުސަތުތަކަށް ބެލުމުގެ ބަދަލުގައި، އަމިއްލައަށް އިސްނަގައިގެން އައު އިންވެސްޓްމަންޓް އޮޕޮޗުނިޓީތައް ހޯދުމުގެ ވިސްނުން ގެންގުޅުއްވާކަން ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ޔަޒްމީދު ހާމަކުރެއްވިއެވެ. އޭނާ މިހެން ވިދާޅުވީ ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ "ތްރީ ޖެން" ވޯކް ނިންމާލުމަށްފަހު ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ މިއަދަދު ދެގުނަ ކުރާނެ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި. އަޅުގަނޑަށް ވަރަށް ޔަގީން މިކަން ކުރެވޭނެކަން. އަޅުގަނޑުމެންގެ ވިސްނުންތަކެއް އެބަހުރި،" ފަންޑު ފުޅާކުރުމުގެ ޕްލޭނާ މެދު ސީއީއޯ ޔަޒްމީދު ވިދާޅުވިއެވެ.

ފަންޑު އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ރޭވިފައިވާއިރު، ޕެންޝަނަށް ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ކިބައިން ނުލިބިވާ 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ރިކަވަރ ކުރުމަށް ހާއްސަ ވިސްނުންތަކެއް ގެންގުޅުއްވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ޕެންޝަން ފައިސާއަކީ މުހިންމު ބޭނުމެއްގައި އެއްކުރެވޭ ފައިސާއަކަށްވާތީ، އެ ފައިސާ ގަވާއިދުން ޖަމާކުރުމުގެ މުހިންމުކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

ހަނިމާދޫގައި ބޭއްވި ހަރަކާތަކީ ރަށްރަށުގެ ރައްޔިތުން ޕެންޝަނަށް ހޭލުންތެރިކުރުވުމަށާއި، ޕެންޝަން ދެއްކުމުގެ މުހިންމުކަން އަންގައިދިނުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފެށި ހޭލުންތެރިކުރުމުގެ ކެމްޕޭނުގެ ފެށުން ކަމަށްވެސް ޕެންޝަން އޮފީހުން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން