ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ދުރާލާ ޕްލޭންތައް އެކުލަވާލުން މުހިންމު: މިނިސްޓަރު ޤީލާ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ދުރާލާ ޕްލޭންތައް އެކުލަވާލުން މުހިންމު: މިނިސްޓަރު ޤީލާ

ކުރިމަތިވެދާނެ ސިއްޙީ ބަލިމަޑުކަމަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ހަރުދަނާ ޕްލޭންތަކެއް އެކުލަވާލުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ސިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ "ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގ އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ" ބައްދަލުވުން ރާއްޖޭގައި އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ރާއްޖޭގައި ފެށިގެން ދިޔަ، ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ގައުމުތަކުން މާޒީގައި ކުރިމަތިވި ސިއްޙީ ކާރިސާތަކުން ލިބުނު ފިލާވަޅުތަކުގެ އަލީގައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅާނެ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. ސަރަހައްދީ ސިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ މާހިރުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި، "ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް" ފްރޭމްވޯކާއި، "ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމަރޖިންގ ތުރެޓްސް" ގެ އިތުރުން "ޑަބްލިއުއެޗްއޯ ޖީއައިއެސްއާރްއެސް ޔުނިޓީ ސްޓަޑީޒް" ގައުމުތަކުގައި ތަންފީޒުކުރެވެމުންދާ މިންވަރު މައިގަނޑު ގޮތެއްގައި ވަޒަންކުރެވިގެންދާނެއެވެ.

ގައުމީ ލީޑަރެއްގެ ހައިސިއްޔަތުންނާއި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ 'ޕެންޑަމިކް ފަންޑް' ބޯޑުގެ މެންބަރުގެ ހައިސިއްޔަތުން ވަޒީރު ޤީލާ ވަނީ ސަރަޙައްދީ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި ސިއްހީ ނިޒާމުތައް މޮނިޓަރކޮށް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް މުހިންމު ކުރިއެރުންތަކަކާއި ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން ކުރިއަށް އޮތް 2026 އިން 2031 އަށް އެކުލަވާލެވޭ ސަރަހައްދީ ރޯޑްމެޕާ އެއްގޮތަށް ފަންނީ މަސައްކަތްތައް ބައްޓަންކުރެވި، ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް ދެނެގަތުމުގެ އުސޫލުތައް އަދާހަމަކުރެވިގެންދާނެއެވެ. މީގެ އިތުރުން، 'ޕެންޑަމިކް ފަންޑް' ބޯޑުގައި ރާއްޖެ ތަމްސީލުކުރަމުންދާތީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ކަށަވަރުކުރުމުގައި އިސްކަން ލިބިގެންދާނެއެވެ.

ހަމައެއާއެކު، ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ ފަދަ ބައިނަލްއަގުވާމީ މާހިރުންނާއެކު ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެ، ރާއްޖޭގެ ލެބޯޓްރީ ތަހުލީލުތަކުގެ ފެންވަރު މަތިކުރުމަށާއި ކްލިނިކަލް ރިސާޗު ނެޓްވޯކްތައް ހަރުދަނާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މިއަދު އޮންލައިން