އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިހިނގާ އޮކްޓޫބަރުމަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެޤައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. ރަސްމީ ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ، "މޯލްޑިވްސް ފަސްޓް" މި ޝިޢާރުގެ މަތީގައެވެ. މި ސިޔާސަތުގެ ދަށުން އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް އިސްކަންދެއްވައި، ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިވާނޭ ފަދައިން، ދޭދޭ ގުޅުންތައް ބިނާކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރި މަސައްކަތްޕުޅުތަކެއް، އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.