ކްރޮސް ސަބްސިޑީގެ ދަށުން ބައެއް އަތޮޅުތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓަށް ބަދަލުތަކެއް ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކްރޮސް ސަބްސިޑީގެ ދަށުން ބައެއް އަތޮޅުތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓަށް ބަދަލުތަކެއް ގެނެސްފި

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް ކުއްޔަށް ދޫކުރުމުގެ ގަވާއިދުގެ ދަށުން، އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިންވެސްޓްމަންޓްތައް ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޚާއްޞަ ކޮންސެޝަން ރޭޓްތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންސެޝަން ރޭޓްތަކުގެ ދަށުން މި ލުއިތައް ދިނުމަށް ނިންމާފައިވަނީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ރޭޓްތައް ހަމަޖައްސާފައިވަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު އަދި އައްޑޫ ސިޓީ (ސ. އަތޮޅު) އަށެވެ.

އަލަށް އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން، ލީޒް އެކުއިޒިޝަން ކޮސްޓް ދެން ހިސާބުކުރާނީ "ބޭސް ރޭޓް" އާއި، "ހެކްޓަރަކަށް ޖެހޭ ރޭޓް" ބިމުގެ ބޮޑުމިނުން ގުނަކުރުމުން ނުކުންނަ އަދަދުގެ އިތުރުން "ސައިޒް ޕްރީމިއަމް" އެއްކޮށްގެންނެވެ. އެގޮތުން 20 އިން 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ނުނަގާއިރު، 41 ހެކްޓަރަށްވުރެ ބޮޑެތި ބިންތަކަށް ސައިޒް ޕްރީމިއަމްގެ ގޮތުގައި 500,000 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ.

ކޮންސެޝަން ރޭޓް ހަމަޖެހުނު އަތޮޅުތަކުގެ ތެރެއިން ހއ، ހދ، ށ، ތ، އަދި ސ. އަތޮޅަށް ކަނޑައަޅާފައިވާ ބޭސް ރޭޓަކީ 400,000 އެމެރިކާ ޑޮލަރެވެ. މި އަތޮޅުތަކުގައި ހެކްޓަރަކަށް ޖެހޭ ރޭޓަކީ 35,000 އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ލ. އަތޮޅުގެ ބޭސް ރޭޓަކަށް 700,000 އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާއިރު، އެ އަތޮޅުގައި ހެކްޓަރަކަށް ޖެހޭ ރޭޓަކީ 60,000 އެމެރިކާ ޑޮލަރެވެ.

މި އުސޫލުގެ ދަށުން ރަށްރަށުގެ ބިމުގެ ބޮޑުމިން ކަނޑައަޅާނީ "މީން ޓައިޑް ލައިން" (އާންމު ދިޔަވަރުގެ ރެކޯޑު) ގެ އެތެރޭގައިވާ ސަރަހައްދު ސަރވޭކޮށްގެން ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފަޅު ހިއްކުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ހިއްކާ ސަރަހައްދަކަށް ދައްކަންޖެހޭ އެކުއިޒިޝަން އަގު ފުރިހަމައަށް ދެއްކުމުންނެވެ. ފަޅު ހިއްކާ ސަރަހައްދުގެ އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ، އެ އަތޮޅަކަށް ކަނޑައަޅާފައިވާ ހެކްޓަރެއްގެ ރޭޓާއި ހިއްކަން ހުށަހަޅާ ސަރަހައްދުގެ ބޮޑުމިން ގުނަކުރުމަށްފަހު، އެ އަދަދުގެ 70 އިންސައްތަ ނަގައިގެންނެވެ.

މިއަދު އޮންލައިން