ސަރުކާރުން އަލަށް ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ ފައިނޭންސް ސްކީމް މެދުވެރިކޮށް، މިއަހަރުގެ ތެރޭގައި 1،500 އަށްވުރެ ގިނަ މީހުންނަށް ގެދޮރުވެރިކަމުގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވޯލްޑް ބޭންކާއެކު ހެދި ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ ގޯތީގައި އިމާރާތް ނުކުރެވިގެން ދިމާވާ އެންމެ ބޮޑު ހުރަހަކީ އިކުއިޓީ ޕޭމަންޓް ނުލިބުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އަލަށް ބޯހިޔާވަހިކަން ހޯދާ ފަރާތްތަކަށް ސަރުކާރުން ދޭ އިކުއިޓީ ފައިސާއަކީ އަނބުރާ ދައްކަންޖެހޭނެ ފައިސާއެއް ނޫން ކަމަށެވެ. އެ ފައިސާ އަނބުރާ ދައްކަންޖެހޭނީ ވަކި މުއްދަތެއްގެ ތެރޭގައި އެ އިމާރާތެއް ވިއްކާލައިފިނަމަ އެކަންޏެވެ.
މި ސްކީމުން ރައްޔިތުންނަށް ލިބޭނެ ލުއިތަކުގެ މިސާލެއް ދައްކަވަމުން ވަޒީރު ވިދާޅުވީ، "އެއް މިލިއަން ރުފިޔާގެ ލޯނަކުން ތިން ރޫމްގެ ގެއެއް ހަދާލެވޭ ކަމުގައި ވާ ނަމަ، ސަރުކާރުން މި އެހީތެރިވެދެނީ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް. އަނެއް އަށް ލައްކަ ރުފިޔާ ބޭންކު ފައިނޭންސް ތެރެއިން އެ ފަރާތުން ހޯދާނީ. ދެ ލައްކަ ރުފިޔާއަކީ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ އެއްޗެއް ނޫން،" ކަމަށެވެ.
މި ސްކީމްގެ ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދުން އިސްކަންދެނީ ފުރަމާލޭގައި އިކުއިޓީ ނުލިބިގެން އިމާރާތް ނުކުރެވި ހުރި ގޭބިސީތަކަށެވެ. ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުގައި ހުރި ބިންތަކުގައި އިމާރާތްކުރުމަށް އެހީތެރިކަން ދިނުން ކުރިއަށްދާނީ ދެވަނަ ފިޔަވަހީގައެވެ. މީގެއިތުރުން އަތޮޅުތަކުގެ ރަށްރަށުގައި އަމިއްލަ ގޯތި ލިބި އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށްވެސް މި ސްކީމުގެ ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ތެރޭގައި މި ސްކީމްގެ ދަށުން 1،500 މީހުންނަށް ފުރުސަތު ހުޅުވާލި ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން އެ އަދަދު އިތުރުކުރުމާއި، މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ނިޒާމަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.