ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމާ ގުޅިގެން ކުރިމަތިވި މާލީ ގޮންޖެހުންތަކުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، ސަބްސިޑީގެ ނިޒާމުގެ ތެރެއިން ދައުލަތުން ބޮޑު ހޭދައެއް ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެމީޑިއާ ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމްގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، މިއަހަރުގެ މާރިޗު މަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމައާއެކު ދުނިޔޭގެ ދަތުރުފަތުރާއި ލޮޖިސްޓިކްސްއަށް ބޮޑެތި ބަދަލުތަކެއް އައިސް، ތެލުގެ އަގު އިންތިހާއަށް އުފުލުނު ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށްވެސް އޭގެ ސީދާ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް، ރައްޔިތުންނަށް އޭގެ ތަކުލީފު ފޯރުނަނުދީ އަގުތައް ހިފެހެއްޓުމަށްޓަކައި ސަރުކާރުން ވަނީ ފިއުލް ސަބްސިޑީގެ ގޮތުގައި ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން، މިއަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކަނޑައެޅި 2.9 ބިލިއަން ރުފިޔާގެ އިތުރުން، އިތުރު 1.4 ބިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުނެވެ. މިއާއެކު އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި މުޅި ހޭދަ ވަނީ 4.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ސަބްސިޑީއަށް ކުރި ޚަރަދުގެ އެންމެ ބޮޑު ބައެއް ފިއުލް ސަބްސިޑީއަށް ހިނގުމާ ގުޅިގެން ދައުލަތުގެ ބަޖެޓު ޑެފިސިޓް ފުޅާވެގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ މާލީ ބުރަ ދައުލަތުން އުފުލީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.