ފުރަތަމަވެސް ބުނެލާނަމެވެ. މިކިޔައިދެނީ ރާއްޖޭގައި ހިނގާފައިވާ ޙާދިސާއެއް ނޫނެވެ. އެކަމަކު ހަމަ މިޒާތުގެ އެތައް ކަމެއް ހިނގަމުންދާތީ ބޭނުންވަނީ ހޭލުންތެރިކަން އިތުރުކުރުވާށެވެ.
އެއީ ޢުމުރުން 50 އަހަރުގެ އަންހެނެކެވެ. ހުވަފަތް އަންހެނެކެވެ. ހުރީ އެންމެ ދަރިއެކެވެ. އެއީ އަންހެން ކުއްޖެކެވެ. އެދަރިފުޅުގެ ޢުމުރަކީ 25 އަހަރެވެ.
އަންހެންމީހާ އެކަނި ފިލުވަން ލޯބިވެރިއަކު ހޯދިއެވެ. 30 އަހަރުގެ ޒުވާނެކެވެ. ދަރިފުޅަށް ސިއްރުކުރެވޭނެ ގޮތަށް ޒުވާނާ ގެއަށް ގެނެސް ދެމީހުން ގުޅުން ހިންގައެވެ. ޒުވާނާއަށް ބޮޑެތި ޚަރަދުތައްވެސް ކުރެއެވެ.
އަހަރުވެސް ނުވަނީސް އަންހެން މީހާ ބަލިވެ އިނދެއްޖެއެވެ. އެވާހަކަ ބުނުމުން ޒުވާނާ ބުނީ ދަރިއަކު ބޭނުން ނޫންކަމަށެވެ. އަވަހަށް ދަރިފުޅު ވައްޓައިލުމަށެވެ. ނަމަވެސް އަންހެންމީހާ އެކަމަށް ދެކޮޅުހެދިއެވެ.
އެއިރު ޒުވާނާގެ ޒުވާން ލޯބިވެރިއަކު ހުރެއެވެ. އޭނާވެސް ބަލިވެ އިނދެއްޖެއެވެ. ދުނިޔެއަށް ފަޟީޙަތްނުވާންވެގެން އަވަހަށް ކައިވެނިކުރަން ނިންމައި މަންމައަށް ލޯބިވެރިޔާ ދައްކަން ނިންމައި ކެއުމަކުން 3 މީހުން ބައްދަލުކުރިއެވެ.
3 މީހުން ބައްދަލުވުމުން ހީވީ ބޮޑު ބޮމެއް ގޮވިހެންނެވެ. ސަބަބަކަށްވީ ލޯބިވެރިޔާގެ މަންމައަކީވެސް ޒުވާނާއަށް ބަލިވެއިން އަންހެނަކަށްވީކަމެވެ. ކާންތިބެ އެބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. ކައިނިމިގެން ގެއަށް ގޮސް 3 މީހުން އެކުގައި ތިބެގެން މަންމަ ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ދަރިފުޅު ދިއައީ ތަރިބުރައިގެންނެވެ. ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ.
މަންމަ ބުންޏެވެ. "ނުއެނގިތިބެ މިއޮތީ ދެމައިން ރަނގަޅަށް ކަސްތޮޅު އެޅިފައެވެ. ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. ހުރިހާވެސް މައްސަލައަކީ ކައިވެނީގެ ބޭރުން ގުޅުން ހިންގުނު ކަމެވެ. ދެމައިންކުރެ މީހަކަށް ދެން އޭނާއާއި ކައިވެނިކުރެވޭނީއެއްވެސް ނޫނެވެ. ވީމާ އެވާހަކަ ބާއްވަމާ ހިނގާށެވެ! މިވަޤުތުން ފެށިގެންވެސް ތައުބާވާންވީއެވެ. ލިބެން އޮތް ލަދާއި ކުރިމަތިލާނީއެވެ. ﷲ އީ ތައުބާވުމުން އަޅުތަކުންގެ ފާފަތައް ފުއްސވައިދެއްވަވާ ރަސްކަލާނގެއެވެ.
ޒުވާނާއެވެ! ކަލޭގެ އެއްވެސް ކުށެއް ނެތެވެ. ކުށްވެރިންނަކީ އަހުރެމެން ދެމައިންނެވެ. އެއީ ކައިވެނީގެ ބޭރުން ގުޅުން ހިންގުނު ކަމެވެ. އަހުރެމެން ތައުބާވާނަމެވެ. މިވަޤުތުން ފެށިގެން މިގެއަށް ނުވަންނާށެވެ. ކަލޭވެސް ތައުބާވެ ރަނގަޅު ދިރިއުޅުމެއް އުޅެންފަށާށެވެ! ދަރިފުޅުވެގެން މިގެއަށް ވަދެއުޅޭނަމަ ކުރެވޭނީ އިތުރު ފާފަތަކެވެ."
ފަށަމުން ބުނިފަދައިން މިއީ ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫނެވެ. އެކަމަކު ރާއްޖޭގައިވެސް މިފަދަ ކަންކަން އެބަހިނގައެވެ. އެމަންމަ ބަލިވެ ނުއިންނަކަމެވެ. އެހެން ގޮތްގޮތުން ވަރަށް އެއްގޮތް ޙާދިސާއެއް ދާދިފަހުންވެސް ވަނީ ފެންމަތިވެފައެވެ. އެމަންމަ އަދިވެސް އެހުންނަނީ ލަދުން ގެއިން ބޭރަށްވެސް ނުކުންނަން ނުކެރިފައެވެ.
އަޅުގަނޑުގެ ބޭނުމަކީ ވަކިޢުމުރެއްވެގެން ކުށްވެރިކުރުމެއް ނޫނެވެ. އެކަމަކު ﷲ ގެ ނިންމެވުން އެއޮތީ އެނގޭށެވެ. މުސްކުޅި ޢުމުރުގައި ޒިނޭކުރާ މީހުންނަށް ﷲ ޤިޔާމަތް ދުވަހު ބައްލަވައިވެސް ނުލައްވަވާނެތެވެ. ޒުވާން ޢުމުރުގައިނަމަވެސް ޒިނޭޜކުރުމަކީ އެންމެ ގަދަފަދަ ޢަޛާބް ދެއްވަވާ ފާފައެކެވެ. ވީމާ ބުނެލަން ބޭނުންވަނީ ޒިނޭކުރުމާއި ދުރުހެލިވަމާތޯއެވެ؟ ޢުމުރުން ދުވަސްވިޔަސް ފިރިއަކަށް ބޭނުންވާނަމަ ކައިވެނިކުރާށެވެ! އެއީ ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ.
- އަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް