މަންމައަކަށްވަނީ އަނބިމީހާ!: ދިރިއުޅުމުގަ އަނބިމީހާގެ ދައުރާއި ވާދަކުރެވޭނެ އެއްވެސް ގޮތެއްނެތް މާމަތިވެރި ދައުރެއް!: ޝައިޚް އަޒީޒު ބިން ފަރުޙާން އަލްޢަންޒީ

ކިޔުމަށް ހޭދަވާނީ 3މ 20ސ
މަންމައަކަށްވަނީ އަނބިމީހާ!: ދިރިއުޅުމުގަ އަނބިމީހާގެ ދައުރާއި ވާދަކުރެވޭނެ އެއްވެސް ގޮތެއްނެތް މާމަތިވެރި ދައުރެއް!: ޝައިޚް އަޒީޒު ބިން ފަރުޙާން އަލްޢަންޒީ

ޢާއިޝަތު ރަފާޙް ޢަލީ

 

އެއީ އަނބިމީހާއެވެ. އިސްލާމްދީނުގައި އެކަމަނާއަށް ދެވިފައިވާ މަޤާމަކީ ހަމައެކަނި އެކުގައި ދިރިއުޅޭ ބައިވެރިޔާ ނުވަތަ ގޭގެ މަސައްކަތްކުރާ މީހެއްގެ މަޤާމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެކަމަނާއަށް "ރާޢީ" (ބެލެހެއްޓުންތެރިޔާ) އޭ ޙަދީޘްކުރައްވައި ގޮވާލައްވަންދެން، އިސްލާމްދީން ވަނީ އަންހެނުންގެ ދަރަޖަ މަތިވެރިކޮށް، ބޮޑު މަސްއޫލިއްޔަތެއް ހަވާލުކޮށްފައެވެ. 

އަންހެނާއަކީ، އަދި އަނބިމީހާއަކީ، އެކަމަނާގެ ފިރިމީހާގެ ގޭގެ ރާޢީ (ބެލެހެއްޓުންތެރިޔާ) އެވެ. އަދި އެކަމަނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާމެދު އޭނާ ސުވާލުކުރެވޭނެއެވެ. އާނއެކެވެ، އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާމެދު އޭނާ މަސްއޫލުވާންޖެހެއެވެ. "ރާޢީ" (ބެލެހެއްޓުންތެރިޔާ) އަށްވުރެ ބޮޑު ކޮން ބަހެއް ހެއްޔެވެ؟ 

"ރާޢީ" އަކީ ހަމައެކަނި ލަޤަބެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ ރިސާލަތެކެވެ. އަދި އެއީ އޭނާއަށް އޮތް ރަސްމީ ކަމެއް ނޫނެވެ. ނަމަވެސް އެއީ އަމާނާތެކެވެ. އަމާނާތެކެވެ.

ބެލެހެއްޓުންތެރިޔާ ރައްކާތެރިކުރެއެވެ، ތަރުބިއްޔަތު ކުރެއެވެ، ބިނާކުރެއެވެ، އިންދައި ހައްދައެވެ، ފާރަވެރިވެއެވެ، މަގުދައްކައެވެ، ކެތްތެރިވެއެވެ، އަދި ދެދުނިޔޭގެ އަޖުރަށް އެދިގެން މަސައްކަތްކުރެއެވެ. އެއީ އޭނާގެ އަތްމަތިން، އެމީހުންގެ ވެރިރަސްކަލާނގެ އަށް ކިޔަމްނަތެރިވެ، އެމީހުންގެ ދީނަށް ފަޚުރުވެރިވާ، އެމީހުންގެ ވަޠަނަށާއި މުޖުތަމަޢަށް ހެޔޮފޯރުވާ، އަދި މި ދިރިއުޅުމުގައި އެމީހުންގެ ރިސާލަތު ދަންނަ ޖީލެއް ނެރުމަށެވެ.

އިންސާނާ ބިނާކުރުމުގައި މަންމަގެ އެންމެ ބޮޑު ނުފޫޒަކީ ކޮބައިހެއްޔެވެ؟ މަންމައަކީ ދަރިފުޅަށް ދިރިއުޅުމުގެ މާނަތައް ލިބިގަންނަ އެންމެ ފުރަތަމަ މަދަރުސާ ކަމުގައިވާތީއެވެ. ދަރިފުޅަށް އެންމެ ފުރަތަމަ ބަސްތައް އިވޭނީ މަންމަގެ ފަރާތުންނެވެ. އަދި އެންމެ ފުރަތަމަ އިޙްސާސްތައް އުފެދެނީ މަންމަގެ ކޮޓަރީގައެވެ. 

ފޮތްތައް ކިޔުމުގެ ކުރިން ދަރިފުޅު ދަސްކުރަނީ މަންމަގެ އުޅުމާއި އަޚުލާޤުންނެވެ. މަންމަގެ ނަމާދުން ދަރިފުޅު ނަމާދު ދަސްކުރެއެވެ. މަންމަގެ ތެދުވެރިކަމުން ދަރިފުޅު ތެދުވެރިކަން ދަސްކުރެއެވެ.

މަންމަގެ އޯގާތެރިކަމުން ދަރިފުޅު އޯގާތެރިކަން ދަސްކުރެއެވެ. އަދި ދަރިފުޅުގެ ބައްޕައަށް މަންމަ ކުރާ ޤަދަރާއި އިޙްތިރާމުން، ޢާއިލާގެ މާނައާއި އާއިލާގެ ޤަދަރު ދަރިފުޅަށް ދަސްވެއެވެ. 

އަދި މަންމަ ﷲ އަށް ކުރާ މަތިވެރިކުރުމުން، އެހެން އެއްވެސް ފަރާތަކަށް ނުނެގޭނެ މަތިވެރި މަޤާމެއް ދިރިއުޅުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށްވާކަން ދަރިފުޅަށް ދަސްވެއެވެ. އެއްވެސް މީހަކަށް އެ މަޤާމެއް ނުނެގޭނެއެވެ. އަދި އެހެން އެންމެންގެ ޙައްޤުތަކާއި ކަންކަމުގެ ކުރިއަށް މާތްﷲގެ ޙައްޤު އިސްކުރަންޖެހޭކަން ދަރިފުޅަށް އެނގިގެންދެއެވެ.

އެހެންކަމުން، އިސްލާމްދީނުގައި އަންހެނުންނަކީ ބޭކާރު ބައެއްގެ ގޮތުގައި ނުދެކެއެވެ. އެކަނބަލުންނަކީ ނުފޫޒުފޯރުވާ، ބިނާކުރާ ބައެއްގެ ގޮތުގައި ހެދިއެވެ. އެކަނބަލުންގެ އަތްޕުޅުންނާއި ހިތްޕުޅުން އެކަން ބިނާކުރައްވައެވެ. 

އަދި އެކަނބަލުންގެ އެންމެ ބޮޑު މަސައްކަތަކީ އަދި ހިތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސާލިޙު (ހެޔޮލަފާ) ދަރިން އުފެއްދުމެވެ. ތާރީޚުގެ ތެރެއިން ނުވަތަ ޙަޤީޤީ ދިރިއުޅުމުގެ ތެރެއިން އަޅުގަނޑުމެން މި މަތިވެރި ފަރާތްތަކާމެދު ވިސްނާލާއިރު، މިފަދަ ގިނަ މަތިވެރި އިންސާނުންގެ ފަހަތުގައިވަނީ ހެޔޮލަފާ މަންމައިންކަން އެނގިގެންދަނީ އެހެންވެގެންނެވެ. އެކަނބަލުން ވަނީ ތެދުވެރިކަމާއެކު އަމާނާތް އުފުއްލަވައި، މެސެޖު ފޯރުކޮށްދެއްވާފައެވެ. އަދި މި ތަރުބިއްޔަތުގެ ނަތީޖާއަކީ ދުނިޔޭގައި އުފެދިގެންދިޔަ މިފަދަ މަތިވެރި ޝަޚްޞިއްޔަތުތަކެވެ.

މަންމައަކީ ޢިލްމުގެ ކުރިން އީމާންކަން އަށަގަންނުވާ ފަރާތެކެވެ. މީހާގެ ޝަޚްޞިއްޔަތު ބިނާކުރުމުގެ ކުރިން ޟަމީރު ބިނާކުރާ ފަރާތެކެވެ. އުންމީދުތަކާއި ދުންޔަވީ އެދުންތައް އުފެއްދުމުގެ ކުރިން ތަޤުވާވެރިކަން އަށަގަންނުވާ ފަރާތެކެވެ. އަދި ދުންޔަވީ ކާމިޔާބީ ދަސްކޮށްދިނުމުގެ ކުރިން، ﷲ އަށްޓަކައި ދިރިއުޅޭނެ ގޮތް ދަރިންނަށް ދަސްކޮށްދޭ ފަރާތެކެވެ. 


- ޝައިޚް އަޒީޒު ބިން ފަރުޙާން އަލްޢަންޒީ 

- މިއަދުނޫސް

މިއަދު އޮންލައިން