ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ބަލައިގަނެ، ރާއްޖެއަށް އޮތް އިތުބާރު ބޮޑުވަމުންދާ ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަރީރު ވަނީ، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކުވެސް، ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކޮށްފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކާވަފައެވެ.
މިނިސްޓަރ ޒަރީރު ވިދާޅުވީ، 2026 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީ މީގެ ކުރިން ދުވަހަކުވެސް ދައްކަންނުޖެހޭ ފަދަ ބޮޑު ދަރަންޏަކާއެކު ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކުރީކޮޅުން ފެށިގެން އެ ދަރަނިތައް އަދާކުރުމުގެ މަސައްކަތް ރާވައި، ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގެ ހާލަތަށާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ބަދަލުތަކާ ގުޅިގެން، ބޭރު ފައިސާއިން ލިބޭ ޓެކްސް އާމްދަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސް.ޑީ.އެފް) ޖަމާކޮށް، ދަރަނި ދެއްކުމަށް އެ ފަންޑު ޚާއްޞަކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ބޮޑެތި ދަރަނިތައް ދައްކައި ޚަލާސްކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޒަރީރު ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވްއާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ސުކޫކް ސެޓްލްމަންޓަށް އެ ފަންޑުން 350 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާއިރު، ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ސަބްސިޑީއަށް ކުރަންޖެހޭ ހޭދަ ބޮޑުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަރަދުތައް އިތުރުވުމުގެ ސަބަބުން މާލިއްޔަތަށް ބާރުބޮޑުވި ނަމަވެސް، އިތުރު ބަޖެޓަކަށް ނުގޮސް، ބަޖެޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން އެއްގުނަ (ސިންގަލް ޑިޖިޓް) ގައި ހިފެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު