11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު މިކަމަށްޓަކާ މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ވުޒާރަގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބުއެވެ.
މި މަޝްރޫޢުގެ ދަށުން، ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ޕްލާންޓްތަކެކެވެ.
މި މަޝްރުއުގެ ދަށުން އައިސްޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ މ. މުލައް، ދ. ހުޅުދެލި، ހދ. ކުޅުދުއްފުށި، ގއ. ނިލަންދޫ، ގއ. ވިލިނގިލި އަދި ށ. ކޮމަންޑޫ ގއ. މަމެންދޫ، އއ. ރަސްދޫ، ހއ. ދިއްދޫ، ކ. ގާފަރު އަދި ގދ. ރަތަފަންދޫއެވެ. މި ރަށްރަށުގައި މަސައްކަތް ކުރިއަށްދާނީ ފަރުމާކުރުމާއި، ބިނާކުރުން އަދި ތަކެތި ފޯރުކޮށްދިނުމުގެ އުޞޫލުންނެވެ.
މި މަޝްރޫއުގެ ދަށުން 30 ޓަނުގެ އައިސް ޕްލާންޓެއް ފަރުމާކުރުމާއި ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމާއި، ތަކެތި ގެންދިއުމުގެ ކަންކަން ވިލަރެސްކުރުމާއި، މަޝްރޫޢު މެނޭޖްކުރުމުގެ އިތުރުން ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމުގެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އަދި މިނިސްޓްރީއާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް ވޮރަންޓީ އާއި އާފްޓަރ-ސޭލްސްގެ ޚިދުމަތްތައް ވިލަރެސްކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ތާޒާ އައިސް ފަސޭހަކަމާއެކު ލިބި، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ރައްޖޭގެ އެކިކަންކޮޅުަކުގައި އައިސްޕްލާންޓައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރަމުންނެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ. ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.
ހަބަރު: ސަރުކާރު