މާލެ ސަރަޙައްދުގެ ބަނދަރުތަކުން މުދާ އުފުލާ ފަރާތްތަކުގެ އެދުމުގެ މަތީން އެ ފަރާތްތަކާ ބައްދަލުކުރައްވައި، މާލޭގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ އެދުމުގެ މަތީން މިއަދު އެ ފަރާތްތަކާ ބައްދަލުކުރައްވައި، އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މާލޭގެ މަގުތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި، ސްކޫލް ދަރިވަރުން އަދި ބެލެނިވެރިންނަށް މަގުތަކަކީ އަމާން ތަނަކަށް ހެދުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ. މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ކުރިމަތިވާ އެކިއެކި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ އެ ބައްދަލުވުމުގައި ޑްރައިވަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.