ގިނަ އަންހެނުންނަށް ވިސްނިފައި އޮންނަނީ ފިރިމީހާ ކުރާ ކޮންމެ ކަމަކާއި ގުޅިގެން ގިނަ ވާހަކަތަކެއް ދައްކަން ޖެހޭނެ ކަމަށެވެ. ފިރިމީހާ ބުނާ ކޮންމެ ވާހަކައަކަށް ފުރިހަމައަށް ރައްދުދޭންޖެހޭނެ ކަމަށެވެ. މިއީ ވިސްނާލަންޖެހޭނެ ކަމެކެވެ.
ގިނަ ވާހަކަދައްކަން ޖެހޭނީ ކަންކަން އޮޅުންފިލުވައި ދިނުމަށެވެ. ދެމީހުންގެ މެދުގައި މަޝްވަރާކުރެވޭއިރުއެވެ. އެއީ ބުނާ ކޮންމެ ވާހަކައަކާއި ގުޅިގެން ކުރަންޖެހޭ ކަމެއް ނޫނެވެ. ބައެއް ވާހަކަތަކަށް ވަރަށް ކުރުކޮށް ޖަވާބުދޭށެވެ. ޖަވާބުދީފައި ދުރަށް ޖެހިލަން ޖެހޭ ޙާލަތުވެސް ކުރިމަތިވާނެއެވެ.
އެއީ ކޮންމެހެން ރުޅިއަކުންވެސް ނޫނެވެ. ވިސްނާލަން ފިރިމީހާއަށް ފުރުޞަތު ދިނުމަށެވެ. އެއިރުން ކަންކަން ޙައްލުކުރަން ވަރަށް ފަސޭހަވާނެއެވެ. ކުދިކުދި ކަންކަން ބޮޑުކަމަކަށްވެ ޒުވާބަކަށްވެގެންދަނީ މިބުނި ގޮތަށް ކަންކަން ނުކުރެވޭތީއެވެ.
ލޯބިން އެކުގައި އުޅެވޭނީ ބަސްގިނަކުރުމަކުން ނޫނެވެ. ޢަމަލުތައް ރަނގަޅުކޮށްގެންނެވެ. ވީމާ މަސައްކަތްކުރަންވީ ވީހާ ރަނގަޅަށް ކަންކަން ކުރުމަށެވެ. ތިމާ ކުރަންޖެހޭ ކަންކަން ކުރުމަށެވެ. ޚާއްޞަކޮށް ކޮންމެ ކަމެއްވެސް ޤަވާއިދުން ކުރުމަށެވެ. އެއްދުވަހު ވަރަށް ރަނގަޅަށް ކަންކަން ކޮށްފައި އަނެއްދުވަހު އިހްމާލްވެވޭނަމަ ފިރިމީހާގެ ހިތުގައި ސުވާލުތައް އުފެދޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން