މަރްޔަމް ސާޖިދާ
މުޅި ޖީލެއްގެ ސްލޫކާއި ވިސްނުން ބަދަލުކޮށްލަން ބޭނުންނަމަ، ފުރަތަމަ ފަށަންވީ އަންހެނާ (މަންމަ) އިންނެވެ. މިއީ އިސްލާމީ ތާރީޚާއި، ޙަޤީޤަތްތަކުން ސާބިތުވާ ވަރަށް މުހިންމު އަސާސެކެވެ. އިސްލާމްދީނުގައި މުސްލިމް އަންހެނުންނަށް ޚާއްޞަކޮށް، މަންމައިންނަށް ދެއްވާފައިވާ މަތިވެރި ޤަދަރާއި އަޙައްމިއްޔަތަކީ އެހެން އެއްވެސް ނިޒާމެއްގައި ފެންނަން އޮތް ކަމެއް ނޫނެވެ. ކޮންމެ ކުއްޖެއްގެވެސް ފުރަތަމަ މަދުރަސާއަކީ އެކުއްޖެއްގެ މަންމައެވެ.
އަންހެނަކު ތަޢުލީމި ޙާޞިލުކޮށް، ދީނީގޮތުން ކުރިއަރައި، ﷲއާއި އޮންނަ ގުޅުން ވަރުގަދަކުރުމުން އޭގެ ހެޔޮ އަސަރު ކުރަނީ ހަމައެކަނި އެމީހަކަށް ނޫނެވެ. ނަމަވެސް އޭގެ ހެޔޮ އަސަރު އޭނާގެ ދަރިންނަށާއި، ޢާއިލާއަށް އަދި އަންނާން އޮތް އެތައް ޖީލަކަށް ފޯރައިގެންދެއެވެ. އެހެންކަމުން މުސްލިމް އަންހެނާ ދީނީ އަދި ދުނިޔެވީ ޢިލްމުން ހޭލުންތެރިވުމަކީ މުޅި އުންމަތް ދިރިގެންދިއުމެވެ.
އިސްލާމީ ތާރީޚަށް ބަލާއިރު، އުންމަތުގެ ބޮޑެތި ޢިލްމުވެރިންނާއި ލީޑަރުންގެ ފަހަތުގައި ތިއްބެވީ ޞާލިޙު މަންމައިންނެވެ. ޚާއްޞަކޮށް އެކަނިވެރި މައިންގެ ގޮތުގައި ތިއްބެވި މަންމައިންނެވެ. ފިރިން ނެތުމުގެ ފަޅުކަމާއި، ފަޤީރުކަމުގެ ދަތިމަކާއި އެކުވެސް، އެކަނބަލުން ކުރެއްވި ހިތްވަރާއި ޙިކުމަތްތެރިކަމުން މުޅި އުންމަތުގެ ތާރީޚު ބަދަލުކޮށްލިއެވެ.
އިސްމާޢިލް ޢަލައިހިއްސަލާމްގެ މަންމާފުޅު ( ހާޖަރުގެފާނު):
އިބްރާހީމް ޢަލައިހިއްސަލާމް، އެކަމަނާއާއި ތުއްޕުޅު ދަރިކަލުން އިސްމާޢިލްގެފާނު ކާބޯތަކެއްޗެއް އަދި ދިރޭ ފުރާނައެއް ނެތް މައްކާގެ ހަނަފަސް ބިމަށް ދޫކުރައްވާއި ވަޑައިގަތް ހިނދު، އެކަމަނާ ކެތްތެރިވެވަޑައިގަތީ މާތްﷲ އަށް އޮތް އެންމެ ފުރިހަމަ ތަވައްކުލާއެކުގައެވެ. ދަރިފުޅަށް ފެންފޮދެއް ހޯއްދެވުމަށް ޞަފާއާއި މަރުވާ ފަރުބަދައާއި ދެމެދު އެކަމަނާ ކުރެއްވި ސަޢުޔަކީ، މިއަދުވެސް މުޅި އިސްލާމީ އުންމަތް ޙައްޖާއި ޢުމްރާގައި އަދާކުރާ އަޅުކަމެކެވެ. އެކަމަނާގެ ތަރުބިއްޔަތުގެ ނަތީޖާއަކީ، ﷲގެ އަމުރުފުޅަށް ކިޔަމަންތެރިވެ، ކަތިލެވެންވެސް ތައްޔާރަށް ހުރި ކެތްތެރި ނަބިއްޔެއްގެ ގޮތުގައި އިސްމާޢީލް އަލައިހިއްސަލާމް ބޮޑުފުޅުވެގެން ދިއުމެވެ.
އިމާމް ޝާފިޢީގެ މަންމާފުޅު:
އިމާމް ޝާފިޢީގެ އުމުރުފުޅުން އެންމެ ދެ އަހަރުގައި ބައްޕާފުޅު ނިޔާވުމުން، އެކަމަނާ އެކަނިވެރިވިއެވެ. އެކަމަނާއަކީ ފަޤީރު ހާލުގައި އުޅުއްވި ނަމަވެސް، ވަރަށް ތޫނުފިލި، ޢަޒުމް ވަރުގަދަ ބޭކަނބަލެކެވެ. ދަރިފުޅުގެ ޢިލްމީ މުސްތަޤުބަލަށްޓަކައި އެކަމަނާ ޣައްޒާއިން މައްކާ އަށް ހިޖުރަކުރެއްވިއެވެ. ފޮތާއި ގަލަން ގަންނާނެ ފައިސާ ނެތްނަމަވެސް، އެކަމަނާގެ ބުރަ މަސައްކަތުން އިމާމް ޝާފިޢީ އުމުރުފުޅުން އެންމެ 7 އަހަރުގައި ޤުރުއާން ހިތުދަސް ކުރެއްވިއެވެ. އެކަލޭގެފާނު ވެވަޑައިގަތީ އިސްލާމީ އުންމަތުގެ އެންމެ ވަރުގަދަ އެއް މަޛުހަބުގެ އިމާމަށެވެ.
އިމާމް އަޙުމަދު ބިން ޙަންބަލްގެ މަންމާފުޅު:
އިމާމް އަޙުމަދުގެ ބައްޕާފުޅު ނިޔާވީ އެކަލޭގެފާނު ތުއްޕުޅުއިރުއެވެ. އެކަލޭގެފާނުގެ މަންމާފުޅު ކޮންމެ ދުވަހަކު ފަތިސްނަމާދުގެ މާކުރިން ހޭލައްވައި، ފިނި ރޭރޭގައި ފެން ހޫނުކޮށްދެއްވައި، ވުޟޫކޮށްދެއްވައިގެން، ބަޣުދާދުގެ މިސްކިތްތަކަށް ދަރިފުޅު ގޮވައިގެން ވަޑައިގަންނަވައެވެ. އިމާމް އަޙުމަދުގެ ޢިލްމުވެރިކަމުގެ ފަހަތުގައިވަނީ އެކަމަނާ ދެއްވި ދީނީ އަސާސާއި ސާބިތުކަމެވެ.
އިމާމް އަލް-ބުޚާރީގެ މަންމާފުޅު:
ޙަދީޘް ޢިލްމުގެ އެންމެ މަތިވެރި އިމާމް، އިމާމް އަލްބުޚާރީ ޔަތީމުވެވަޑައިގަތީ އެކަލޭގެފާނު ތުއްޕުޅުއިރުއެވެ. އެއަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނުގެ ލޮލުގެ ފެނުން ގެއްލުނެވެ. ޑަކްޓަރުން އުންމީދު ކަނޑާލި ހިނދުވެސް، އެކަލޭގެފާނުގެ މަންމާފުޅު އުންމީދު ކަނޑާނުލައްވައެވެ. އެކަމަނާ ރޭގަނޑާއި ދުވާލު ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. އަދި ﷲ ސުބުޙާނަހު ވަތަޢާލާ އެކަލޭގެފާނުގެ ލޮލުގެ ފެނުން އަނބުރާ ދެއްވިއެވެ. އެއަށްފަހު ދަރިފުޅަށް ޢިލްމު ހޯއްދަވައިދެއްވުމަށް ދުރުދަތުރުތައް ކޮށްދެއްވުމުގެ ހުރިހާ ޚަރަދެއް ބެލެހެއްޓެވީ އެކަމަނާއެވެ.
ތާރީޚުގެ ރަން ޞަފްޙާތަކުން ފެންނަން އޮތް ޙަޤީޤަތަކީ، އިސްލާމީ އުންމަތް ދެމެހެއްޓުމުގައި ހިތްވަރުގަދަ މައިންގެ ބޮޑު ދައުރެވެ. ހާޖަރުގެފާނުގެ ސާބިތުކަމާއި، އިމާމް ޝާފިޢީ އާއި އަލްބުޚާރީގެ މަންމައިންގެ ތޫނުފިލި ތަރުބިއްޔަތުން ސާބިތުވަނީ އެންމެ ކަމެކެވެ. އެއީ، އަންހެނެއްގެ ހިތުގައި އީމާންތެރިކަމާއި، ޢަޒުމް ވަރުގަދަވެއްޖެނަމަ، ދުނިޔެވީ އެއްވެސް ހުރަހަކަށް އޭނާގެ ދަރިންގެ މުސްތަޤުބަލު ބަލިކަށި ނުކުރެވޭނެކަމެވެ. ފިރިއެއްގެ އެހީތެރިކަމެއްނެތި، ނުވަތަ މާލީ ތަނަވަސްކަމެއް ނެތިވެސް، އެކަނބަލުން އުންމަތަށް ދޫކުރެއްވީ ދުނިޔެދުށް އެންމެ ބޮޑެތި ޢިލްމީ ޚަޒާނާތަކެވެ.
މިއަދުގެ މުޖުތަމަޢަށް ބަލާއިރު، އަޅުގަނޑުމެންގެ އަޚްލާޤީ ބިންގާ ވަރުގަދަކޮށް، މާދާމާގެ ޖީލުތައް ސަލާމަތްކުރަން ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ، މުސްލިމް އަންހެނުން ދީނީ އަދި ދުނިޔެވީ ޢިލްމު ލިބިގަނެ، އެ މަންމައިންގެ އުނގުން ހެޔޮލަފާ ޞާލިޙު ކާމިޔާބު ދަރިންތަކެއް ބިނާކުރުމެވެ. އަންހެނަކު މާތްﷲ އާއި އޮންނަ ގުޅުން އިޞްލާޙުކޮށްފިނަމަ، އޭގެ ނޫރު މުޅި އާއިލާއަށާއި، އަންނާން އޮތް އެތައް ޖީލަކަށް ފޯރާނެއެވެ.
މަންމައަކީ، ހަމައެކަނި ދަރިން ބަލާ މީހެއް ނޫނެވެ. ނަމަވެސް، އެއީ މުޅި އުންމަތުގެ މުސްތަޤުބަލު ބައްޓަންކުރާނެ ދަރިންތަކެއް ތަރުބިއްޔަތުކޮށްދޭ ފަރާތެވެ.
- މިއަދުނޫސް