ސަފީރުންނަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭ ބައެއް ނޫން: ފަތުރަނީ ދޮގު ޚަބަރުތަކެއް: ފޮރިން މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސަފީރުންނަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭ ބައެއް ނޫން: ފަތުރަނީ ދޮގު ޚަބަރުތަކެއް: ފޮރިން މިނިސްޓްރީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިނުކުރެއްވުމުން ސަފީރަކު މަގާމުން ވަކިކުރި ކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަފީރުން މަގާމަށް އައްޔަނުކުރުމާއި ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނު (ގާނޫނު ނަންބަރު 20/2021) ގެ ދަށުން ވަކި އުސޫލުތަކެއްގެ މަތިން ހިނގަމުންދާ ކަމެކެވެ. އަދި ސަފީރުން މަގާމުން ވަކިކުރުމުގެ ނިންމުންތައް ނިންމަވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ނޫހުގައި ފާހަގަކޮށްފައިވާ ސަފީރަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޚާރިޖީ ވުޒާރާގެ ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި އެ ބޭފުޅާ ސަފީރެއްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 30 އޮކްޓޯބަރު 2024 ގައެވެ.

ފޮރިން ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން، އެ ސާވިސްގެ އެއްވެސް މުވައްޒަފަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ، ފޮރިން ސާވިސްގެ މުވައްޒަފުން ގާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން އެއްވެސް މަޖުބޫރުކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ވީމާ، ޚާރިޖީ ވުޒާރާއާއި އެ ވުޒާރާގެ މުވައްޒަފުންނާ ގުޅޭގޮތުން ހަގީގަތެއް ނެތް، ސާބިތުނުވާ މައުލޫމާތު އާންމު ނުކުރުމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން