އިޒްރޭލުގެ އެއްވެސް މީހަކަށް ރަސްމާލެއިން ޕްރޮޕަޓީއެއް ނުގަނެވޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 18ސ
އިޒްރޭލުގެ އެއްވެސް މީހަކަށް ރަސްމާލެއިން ޕްރޮޕަޓީއެއް ނުގަނެވޭނެ: ރައީސް

ސަރުކާރުން ބިޔަ މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދާ ރަސްމާލެ ހިއްކުމުގެ ސަރަޙައްދުގައި ތަރައްޤީކުރާ އެއްވެސް ޕްރޮޕަޓީއެއް އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުގަނެވޭނެ ކަމަށާއި، އެ ސަރަޙައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އިސްލާމީ އުޞޫލުތައް ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

"ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރަސްމާލޭގައި އެހެން ދީންތަކަށް ފުރުޞަތު އޮންނާނެ ކަމަށާއި، ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދީގެން އެތަނުގައި ބިދޭސީ އާބާދީއެއް ވަޒަންވެރިކުރުވަން އުޅޭ ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރިސޯޓުތަކެކޭ އެއްފަދައިން ރަސްމާލޭގައިވެސް ހުންނާނީ ހަމައެކަނި އިސްލާމީ މިސްކިތްތަކެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ވަޒީފާ އަދާކުރާ ބިދޭސީންނަށް ވެސް ފާޅުގައި އެހެން ދީންތަކުގެ އަޅުކަންކުރުމުގެ އެއްވެސް ޖާގައެއް ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ނޯންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާރުވެސް މާލެ ސަރަޙައްދުގައި އެއްލައްކައާއި ދެލައްކައާ ދެމެދުގެ އަދަދަކަށް ބިދޭސީން ދިރިއުޅެމުންދާއިރު، ސިޔާސީ ވާހަކަ ދައްކާ ފަރާތްތަކުން މި ޙަޤީޤަތްތަކަށް ރިޢާޔަތް ނުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރިސޯޓުތަކުގައި ފަތުރުވެރިން ތިބޭ. އެތަންތަނުގައެއް ނުހުރޭ އެހެން ދީންތަކުގެ އަޅުކަން ކުރާ އިމާރާތެއް. މިސްކިތް ހުންނަނީ. ރަސްމާލޭގައިވެސް މިސްކިތް ހުންނާނީ. ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތުގެ އާބާދީއަށް ބެލިކަމުގައިވިޔަސް، މިއީ އަދި މާބޮޑު އާބާދީއެއް އެކިކަންކަމުގައި އުޅޭ. އެންމެ ބޮޑު އާބާދީއެއް އުޅެނީ މާލެ ސަރަހައްދުގައި. ލައްކައެއް ދެ ލައްކައެއްހާ ބިދޭސީން އެބައުޅޭ މާލޭ ސަރަހައްދުގައި، މިކަމަށް ސިޔާސީ ގޮތުން ވާހަކަ ދައްކާ ފަރާތްތަކުން ރިއާޔަތެއް ނުކުރޭ،" 

ރައީސް ވިދާޅުވިއެވެ. 

މީގެއިތުރުން، އެ ސަރަޙައްދުގައި ބޭރު މީހުންނަށް ޚާއްޞަ ސްކޫލްތަކާއި އެހެން ދީންތަކުގެ ބިނާތައް ހަދާނެ ކަމަށް ދެކެވޭ ވާހަކަތައްވެސް އެމަނިކުފާނު ދޮގުކުރެއްވިއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެތަނުން ތަންތަން ގަންނަ ފަރާތްތަކާއި ޒިޔާރަތްކުރާ ފަތުރުވެރިން އައިސްފައި އެނބުރި ދާނެ ކަމަށާއި، މުޅި ސަރަޙައްދުގެ އަމަންއަމާންކަން ބަލަހައްޓާނީ ދިވެހި ފުލުހުންގެ މަރުކަޒަކުން ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން އެއްވެސް ބޭރު މީހަކަށް ރާއްޖޭގެ ރައްޔިތުކަން ނުލިބޭނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަޙައްދެއްގައި "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެވެ. ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ އަގުހުރި މި ބިޔަ އިންވެސްޓްމެންޓުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓުގައި ސަރުކާރާއެކު މިހާރު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ދުނިޔޭގެ ފެންވަރުގެ ޒަމާނީ މެރީނާއަކާއި، މުނިފޫހިފިލުވުމާއި ވިޔަފާރީގެ ޚިދުމަތްތަކުގެ އިތުރުން ސިއްޙީ އެކި ވަސީލަތްތައް އެއްފުރާޅެއްގެ ދަށުން ޤާއިމުކުރެވިގެންދާނެއެވެ.

ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ރަސްމާލެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ވަނީ 716 ހެކްޓަރުގެ ބިން ކާމިޔާބުކަމާއެކު ހިއްކާ ނިންމާފައެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ވާވަރަށްވުރެ ތިން ގުނަ ބޮޑު ސަރަޙައްދެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ އެއްކޮށް ނިމި ބޭނުންކުރަން ފެށުމުންވެސް އެ ސަރަޙައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ދިވެހި ޤައުމިއްޔަތާއި އިސްލާމްދީނުގެ މަތިވެރި ހަމަތައް ކަމަށެވެ.

 

މިއަދު އޮންލައިން