ރާއްޖޭގައި ކާބަން ވިއްކުން ނުވަތަ ކާބަން ކްރެޑިޓް ޓްރޭޑިންގެ ނިޒާމު ޤާއިމުކުރުމަށް އެކުލަވާލަންޖެހޭ ޤަވާއިދުގެ ފުރަތަމަ ދެލިކޮޕީ ނިމިފައިވާ ކަމަށާއި، މި އަހަރުގެ ނިޔަލަށް އެ ޤަވާއިދު ގެޒެޓްކޮށް އާންމުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ 'ރާއްޖެމިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ކާބަން ވިއްކުމަށް ބޭނުންވާ ފުރަތަމަ ޑްރާފްޓް ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކާބަން މާކެޓް ފުޅާކުރުމަށް ބޭނުންވާ ޤާނޫނީ އަދި ޤަވާއިދުގެ އޮނިގަނޑު ފުރިހަމަކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
"އަމާޒަކީ މި އަހަރު ނިމޭއިރަށް ގެޒެޓްކުރުން. އޭގަ ބަޔާންކުރާނެ އިދާރީ ޒިންމާތަކާއި، ކްރެޑިޓް ބަލަހައްޓާނެ މެތޮޑޮލޮޖީ އަދި ރެކޯޑްތަކާއި ރިޕޯޓްތައް ބަލަހައްޓާނެ ގޮތްވެސް،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކާބަން މަދުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މާކެޓްގައި ވިއްކާ ކާބަންގެ ކޮލިޓީ އެކަށީގެންވާ ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓުމަކީ މާކެޓް އިތުރަށް ފުޅާކުރުމަށްޓަކައި ނުހަނު މުހިންމު ކަމެކެވެ.
ކާބަން ކްރެޑިޓް ޓްރޭޑިންއަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ މުހިންމު ވިޔަފާރިއެކެވެ. މި ނިޒާމުގެ ދަށުން، ގަސް އިންދުމާއި، އިރުގެ ހަކަތަ ފަދަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، ތިމާވެއްޓާ ރައްޓެހި އެކި މަޝްރޫޢުތައް ހިންގައިގެން ޖައްވުން ކާބަން މަދުކުރާ ކުންފުނިތަކަށާއި ޤައުމުތަކަށް ކާބަން ކްރެޑިޓް ލިބި، އެ ކްރެޑިޓްތައް ބާޒާރުގައި ވިއްކުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.