ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޤައުމުގެ ހަމަޖެހުން ދެމެހެއްޓުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 48ސ
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޤައުމުގެ ހަމަޖެހުން ދެމެހެއްޓުން: ރައީސް

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، ބޭރުގެ އިންވެސްޓަރުންނާއި ފަތުރުވެރިންގެ އިތުބާރު ޤައުމަށް ލިބެމުންދަނީ ރާއްޖޭގައި އޮތް އަމާންކަމާއި ސުލްހަވެރި މާޙައުލުގެ ސަބަބުން ކަމަށާއި، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ އެ ހަމަޖެހުން ދެމެހެއްޓެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމަކީ ފަތުރުވެރިން ޝައުޤުވެރިވާ މައިގަނޑު އެއް ސަބަބު ކަމުގައި ވިޔަސް، އެއަށްވުރެ ބޮޑަށް ބޭރު ދުނިޔޭގެ ލޯތައް ރާއްޖެއަށް އަމާޒުވަނީ ޤައުމުގައި އޮތް ސުލްހަމަސަލަސްކަމާއި މަސްލަހަތު ހިފެހެއްޓިފައިވާތީ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤައުމެއްގައި ދާޚިލީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ބިރުވެރިކަން އޮންނަނަމަ، އެއްވެސް އިންވެސްޓަރަކު އެ ޤައުމެއްގައި ފައިސާ މުއާމަލާތް ނުކުރާނެއެވެ. އަދި ފަތުރުވެރިންގެ ޒިޔާރަތްތައްވެސް އެފަދަ ހާލަތްތަކުގައި ހުއްޓުމަކަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މިހާރު ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢު ފަދަ އުމްރާނީ ބޮޑެތި މަސައްކަތްތަކަށް ބޭރުގެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް އިންވެސްޓްކުރަމުންދަނީ، ރާއްޖޭގެ އަމާންކަމާމެދު އޮތް ފުރިހަމަ ޔަޤީންކަމުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ އަސްލަކީ މި ދެންނެވި ހަމަޖެހުން ދެމެހެއްޓުން ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މި ސަރުކާރުގެ ސިޔާސަތުތައް ބިނާވެފައިވާ މައިގަނޑު ތިން އަސާސުގެ ތެރޭގައި ޤައުމުގެ ހަމަޖެހުން ހިމެނޭކަން ފާހަގަކުރައްވަމުން، ޤައުމުގެ ސުލްހަވެރިކަން ރައްކާތެރިކުރުމަކީ ވަކިވަކި ކޮންމެ ދިވެހި ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކުރެވޭ އެއްވެސް މަސައްކަތަކީ ދިވެހި ރައްޔިތުންނަށް އެއިން އެއްވެސް މަންފާއެއް ކުރާނެ ކަންކަން ނޫން ކަމަށާއި، ޤައުމީ މަސްލަހަތު އިސްކޮށް އެންމެހައި ރައްޔިތުން އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"މިތާކަށް ނާންނާނެ މިތަނުގައި ހަނގުރާމަ ހިނގާނަމަ ނުވަތަ މިތަނުގައި ދާހިލީ ހަމަނުޖެހުން އޮންނަނަމަ މިތަނަކަަށް ނާންނާނެ ޓޫރިސްޓުންނެއްވެސް އިންވެސްޓަރުންނެއްވެސް. އެހެންވީމާ ރަސްމާލޭގައި މި މަޝްރޫއު ހިންގޭ ސަބަބަކީ، އަދި ހިންގަން ޝައުގުވެރިވާ ސަބަބަކީވެސް އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެހެން އިންވެސްޓަރުންވެސް ރާއްޖެ އަންނާނެ ސަބަބަކީ ރާއްޖޭގައި މިދެންނެވިހެން އޮންނަ ހަމަޖެހުން،"

ރައީސް ވިދާޅުވިއެވެ. 

މީގެއިތުރުން، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ދުރު ރާސްތާ ތަޞައްވުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް 15 އަހަރަކީ ހަމައެކަނި ޢިމާރާތްތަކާއި މަގުތައް ހެދުން ފަދަ އުމްރާނީ ތަރައްޤީ ގެނައުމަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ މަތިވެރި އަޚްލާޤާއި ރިވެތި އާދަކާދަތައް ދިރުވައި، އިޖުތިމާޢީ ގޮތުން ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މި ދުވަސްވަރުގެ ބޭނުން ފުރިހަމައަށް ހިފަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

މިއަދު އޮންލައިން