ޖީ.ޖީ.އެސް.ޓީ އާއި ވިތުހޯލްޑިންގ ޓެކްސް މަތިވެ، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 7 އިންސައްތަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 37ސ
ޖީ.ޖީ.އެސް.ޓީ އާއި ވިތުހޯލްޑިންގ ޓެކްސް މަތިވެ، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 7 އިންސައްތަ އިތުރުވެއްޖެ

15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.0 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ. މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.ޖީ.އެސް.ޓީ)، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް އަދި އާމްދަނީގެ އެހެނިހެން މުހިންމު ދާއިރާތަކުން ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާއެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 2.6 އިންސައްތަ އިތުރުވެ، 31.89 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 8.2 އިންސައްތައިން އިތުރުވެ، 4.43 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއިން ލިބިފައިވަނީ 4.09 ބިލިއަން ރުފިޔާއެވެ. ހަފުތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވެސް ޖީ.ޖީ.އެސް.ޓީ އިން ކަމަށްވުމީ، ރާއްޖޭގެ އެތެރޭގެ އާމްދަނީ އިތުރުކުރުމުގައި މި ޓެކްސްގެ ދައުރު ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.

ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 10.4 އިންސައްތަ އިތުރުވެ، 1.09 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން، އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 2.79 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 3.01 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން ޓެކްސްތަކުން ލިބުނު އާމްދަނީ 87.8 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.8 އިންސައްތަ އިތުރުވެ 1.55 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މުދަލުން ލިބުނު އާމްދަނީ 12.1 އިންސައްތަ އިތުރުވެ 1.97 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 68.1 އިންސައްތަ އިތުރުވެ 0.52 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޚަރަދުތަކަށް ބަލާއިރު، އިދާރީ ހިދުމަތްތަކަށް ކުރި ޚަރަދު 6.0 އިންސައްތަ އިތުރުވެ 2.04 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ރިކަރަންޓް ޚަރަދުގެ ޖުމްލަ 31.35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.2 އިންސައްތައިގެ އިތުރުވުމެކެވެ.

ބިމާއި އިމާރާތްތަކަށް ކުރި ކެޕިޓަލް ޚަރަދު 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 38.9 އިންސައްތަ އިތުރުވެ 1.57 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ޖުމްލަ ކެޕިޓަލް ޚަރަދު 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ހިނގަމުންދާ އެހެނިހެން ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ޚަރަދު 39.1 އިންސައްތަ އިތުރުވެ 10.45 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ޚަރަދު 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު 16.9 އިންސައްތަ އިތުރުވެ 1.92 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 14.1 އިންސައްތަ އިތުރުވެ 5.56 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ނަމަވެސް، އިންޓަރެސްޓަށް ކުރި ޚަރަދު ވަނީ 6.6 އިންސައްތަ ދަށަށް ގޮސްފައެވެ.

އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ޚަރަދު 27.6 އިންސައްތަ އިތުރުވެ 0.96 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބަނދަރުތައް ތަރައްގީކުރުމަށް ކުރި ޚަރަދު ވަނީ 25.5 އިންސައްތަ އިތުރުވެފައެވެ. އަދި ކެޕިޓަލް އިކުއިޕްމަންޓް ހޯދުމަށް ކުރި ޚަރަދު ވަނީ 22.0 އިންސައްތަ އިތުރުވެފައެވެ.

15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 36.39 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތަ އިތުރުވުމެކެވެ. މިއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ވަނީ 4.50 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން