އީގަލް ހިލްސް ސަރަހައްދުގައި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަނެއް ނުހުންނާނީ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އީގަލް ހިލްސް ސަރަހައްދުގައި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަނެއް ނުހުންނާނީ: ރައީސް

ރަސްމާލޭގައި "އީގަލް ހިލްސް" އިން ތަރައްޤީކުރާ ސަރަޙައްދުގައި އެހެން ދީންތަކުގެ އަޅުކަންކުރުމަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، އެތަނުގައި ހިނގާނީ މުޅިންވެސް ދިވެހިރާއްޖޭގެ ޤާނޫނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ތަރައްޤީއާ ގުޅޭގޮތުން ގެނެސްދިން "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލެ ސަރަހައްދާ ކައިރީގައި ބިދޭސީ އާބާދީއެއް އުފެދުމާ ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން، އެ ސަރަހައްދުގައި ބިދޭސީ އާބާދީއެއް އޮވެގެން އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ޤާއިމުކުރެވޭނެ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، އަދި ސިޔާސީ ބޭނުމަކަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރާއްޖޭގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ޤައުމުގައި އަބަދުވެސް ދެ ލައްކައެއްހާ ފަތުރުވެރިން އެއްވަގުތެއްގައި ތިބޭއިރުވެސް، ރިސޯޓުތަކުގައި އެހެން ދީންތަކުގެ އަޅުކަންކުރާ އެއްވެސް އިމާރާތެއް ނުހުންނަ ކަމަށެވެ.

"ރިސޯޓުތަކުގައި ފަތުރުވެރިން ތިބޭ. އެތަންތަކު ނުހުރޭ އެހެން ދީންތަކުގެ އަޅުކަން ކުރާ އިމާރާތެއް. މިސްކިތް ހުންނަނީ. ރަސްމާލޭގައިވެސް މިސްކިތް ހުންނާނީ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި މިވަގުތުވެސް މަސައްކަތްކުރާ ބިދޭސީންގެ ބޮޑު އާބާދީއެއް އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހަމައެކަނި މާލެ ސަރަހައްދުގައިވެސް އެއް ލައްކައާއި ދެ ލައްކައާ ދެމެދުގެ ޢަދަދަކަށް ބިދޭސީން ދިރިއުޅެމުންދާ ކަމަށެވެ. ނަމަވެސް، ސިޔާސީ ގޮތުން ވާހަކަދައްކާ ފަރާތްތަކުން މިފަދަ ޙަޤީޤަތްތަކަށް ރިއާޔަތް ނުކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން