މި އަހަރު ބާއްވާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ސިލްވަރ ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމް.ޕީ.އޭ.އޯ) ހަމަޖައްސައި، މޯލްޑިވްސް ޒަކާތު ހައުސްއިން އެ އޮފީހާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ގައި މާލޭގެ އިސްލާމީ މަރުކަޒުގައެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަންވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް މިޒަމާނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. މީގެކުރިން އެންމެ ފުރަތަމަ ބޭއްވުނު އިންޒެކް 2024 ގައިވެސް ޕެނަލިސްޓެއްގެ ގޮތުގައި އެމް.ޕީ.އޭ.އޯ އިން ވަނީ ބައިވެރިވެފައެވެ.
ޒަކާތު ހައުސްއިން ވަނީ އެމް.ޕީ.އޭ.އޯއިން މި ކޮންފަރެންސަށް ދެއްވާ އެއްބާރުލުމާއި، ދެ މުއައްސަސާގެ ދެމެދުގައި ދަމަހައްޓަމުން ގެންދާ ގުޅުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މި ބައިވެރިވުމަކީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ލާބައާއި މަންފާއަށް މަގުފަހިކުރާ ކަންކަން ހަރުދަނާކުރުމަށާއި، މަޝްވަރާކޮށް ޢިލްމު ޙިއްޞާކުރުމުގައި ޤައުމީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އުންމީދުކުރަނީ މި ބައިވެރިވުމުގެ ތެރެއިން އެމް.ޕީ.އޭ.އޯއާ އެކު ގާތުން މަސައްކަތްކޮށް، މުސްތަޤުބަލުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިވެ، ދެފަރާތަށްވެސް ފައިދާހުރި މަސައްކަތްތަކަކަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެމް.ޕީ.އޭ.އޯ ފަދަ މުއައްސަސާތަކުގެ ދެމެހެއްޓެނިވި އެއްބާރުލުމަކީ ކޮންފަރެންސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގެ އިތުރުން، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށްވެސް އެ ހައުސްއިން ބަޔާންކުރެއެވެ.