ދީނީ ޙުރުމަތާއި ޤައުމީ ހަމަޖެހުން: މިނިވަންކަމުގެ ނިވަލުގައި ފިތުނަ އުފެއްދުމަކީ ސަމާސާއެއް ނޫން

ކިޔުމަށް ހޭދަވާނީ 3މ 47ސ
ދީނީ ޙުރުމަތާއި ޤައުމީ ހަމަޖެހުން: މިނިވަންކަމުގެ ނިވަލުގައި ފިތުނަ އުފެއްދުމަކީ ސަމާސާއެއް ނޫން

ކޮންމެ މުޖުތަމައެއްގެ ވެސް އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް އަމާން، އޮމާން އަދި ހަމަޖެހޭ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމެވެ. ޤައުމެއްގައި ޤާނޫނުތަކާއި ޤަވާޢިދުތައް ހެދި، އެ ކަންކަން ތަންފީޒުކުރާނެ މުއައްސަސާތައް ޤާއިމުކުރެވެނީ މި ދެންނެވި ސުލްހަވެރި މާޙައުލު ދެމެހެއްޓުމަށްޓަކައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ މީހަކަށްމެ ޚިޔާލުފާޅުކުރުމުގެ ފުޅާ މިނިވަންކަމެއް ދީފައި އޮތް ނަމަވެސް، އެއީ އެއްވެސް އިމެއް ނެތް ޙައްޤެއް ނޫނެވެ. އިސްލާމީ ޝަރީޢަތުގެ އަސްލުތަކާއި، ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަކީ މި ހައްޤުގެ ބޭނުން ހިފުމުގައި ކޮންމެހެން ރައްކާތެރިވާންޖެހޭ ބިންގަލެވެ.

ނަމަވެސް، މިނިވަންކަމުގެ ނަމުގައި މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން، ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށާއި ދައުލަތުގެ ނިޒާމުތައް ފުނޑުފުނޑުކޮށްލަން ހިތްވަރުދޭ އަޑުތައް ފަހަކަށް އައިސް ގަދަވަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ދައުލަތުގެ ތިންބާރު ކަމަށްވާ ރައީސް އޮފީހާއި، މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ގޮވާލި މައްސަލަ ފުލުހުން ބަލަމުންދާއިރު،ދައުލަތުގެ މުހިންމު އިމާރާތްތަކުގައި ހުޅުޖެހުމަށް ގޮވާލައި، ކުރީގެ އަސްކަރީ އަދި ސިޔާސީ މަޤާމުތަކުގައި ތިބި ބައެއް ފަރާތްތަކުން ހިންގާ މިފަދަ ނުރައްކާތެރި އަމަލުތަކަކީ އާދައިގެ ވާހަކަތަކެއް ނޫނެވެ. ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، މިފަދަ ބަޔާންތަކަކީ ސީދާ ޓެރަރިޒަމަށް ހިތްވަރުދިނުމުގެ ބޮޑެތި ޖިނާއީ ކުށްތަކެވެ. އާންމު ޚިދުމަތްތަކަށް ހުރަސްއެޅުމާއި، އުމްރާނީ ވަސީލަތްތަކަށް ގެއްލުންދޭން ގޮވާލާ ފަރާތްތަކަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަނޑައެޅިފައި އޮތުމަކީ މި ކުށުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހެއްކެކެވެ.

ހަމައެއާއެކު، ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ މާތްވެގެންވާ އިސްލާމްދީނުގެ ހުރުމަތް ކެނޑުމެއްނެތި ރައްކާތެރިކުރުމެވެ. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު ސާފުކޮށް ބަޔާންކުރާ ގޮތުގައި، ދީނަށް ފުރައްސާރަކުރުމާއި، އިސްލާމީ އަޤީދާއަށް ގޮންޖަހައި ފިތުނަ އުފެއްދުމަކީ ބޮޑު ކުށެކެވެ. ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް، އަދަބުއަޚްލާޤީ މިންގަނޑުން ބޭރުވެގެން ދައްކާ ވާހަކަތަކަކީ 2 އަހަރާއި 5 އަހަރާ ދެމެދުގެ ޖަލު އަދަބު ހައްޤުވާ ޢަމަލުތަކެވެ. މިފަދަ ޙަރަކާތްތަކަށް ޤާނޫނު އަރައިހަމަކުރާނެކަން ކަށަވަރުކުރުމަކީ މުޖުތަމައުގެ އިސްލާމީ ވަންތަކަން ދެމެހެއްޓުމަށް ކޮންމެހެން ލާޒިމު ކަމެކެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ޤައުމުން ބޭރުގައި ހުރެގެން ނުވަތަ އޮންލައިން މަންސައެއްގެ ފުރަގަހުގައި ފިލާ އިނދެގެން މިފަދަ ޖަރީމާތައް ހިންގުމުން ޤާނޫނުގެ އަތް ނުފޯރާނެ ކަމަށެވެ. ޓިކްޓޮކާއި މީސްމީޑިއާގެ އެކި މަންސަތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހަމުންދާ، ބޭރު މީހަކާ ކައިވެނިކޮށްގެން ރާއްޖޭން ބޭރުގައި ދިރިއުޅޭ ނަމަވެސް، ދޭތެރެދޭތެރެއިން ރާއްޖެ އަންނަ އަހުމަދު އާމިރު (ބޫގާ) އަކީ މީސް މީޑިއާގައި އިސްލާމީ އަގީދާއާއި ޝިޢާރުތަކަށް ފާޅުގައި ގޮންޖަހާ މީހެކެވެ. އޭނާގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގުކުރަމުންނެވެ.

ނަމަވެސް މިއީ ކުށްހީއެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުތައް ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް، އެ މީހަކު ދުނިޔޭގެ ކޮންމެ ބިމެއްގައި ހުރި ނަމަވެސް ހިނގާނެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް އަންނަނީ ރާއްޖެއިން ބޭރުގައި ތިބެގެން ޤައުމީ ސަލާމަތާއި ދީނަށް ގޮންޖަހާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސްކަމާއެކު ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

މީސްމީޑިއާއަކީ ރައްޔިތުންގެ އަޑު އުފުލައި، އިޖުތިމާޢީ މައްސަލަތަކަށް (މިސާލަކަށް ދަތުރުފަތުރުގެ ދަތިތައް ފަދަ ކަންކަމަށް) ޙައްލު ހޯދުމަށް ބޭނުންކުރެވިދާނެ ވަރަށް ބިނާކުރަނިވި ވަސީލަތެކެވެ. އެހެންނަމަވެސް، ޙަޤީޤަތް ބެލުމެއްނެތި މީހުންގެ އަބުރު ކަތިލުމާއި، ނަފްރަތާއި ރުޅިވެރިކަން ފެތުރުމަށް މި ވަސީލަތް ބޭނުންކުރުމަކީ މުޅި މުޖުތަމަޢު ފަސާދަކޮށްލާނެ ކަމެކެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤައުމުގެ ސަލާމަތް ނަގާލުމަށާއި ދީނަށް ބަދުބަސް ބުނުމަށް ދެވިފައިވާ ލައިސަންސެއް ނޫނެވެ. ދީނާއި ޤައުމުގެ މަޞްލަޙަތު ރައްކާތެރިކުރުމަކީ ފަރުދީ އަދި ޤައުމީ ވާޖިބެކެވެ. ޤާނޫނުގެ އިމުގެ ތެރޭގައި ދުލާއި ގަލަން ބޭނުންކުރުމަކީ، މުޖުތަމަޢުގެ ހަމަޖެހުމަށާއި އަމިއްލަ ސަލާމަތަށްޓަކައި ކޮންމެ މީހަކުވެސް ކަށަވަރުކުރަންޖެހޭ އެންމެ މުހިންމު ޒިންމާއެވެ.

މިއަދު އޮންލައިން