މާލޭގެ ބާޒާރުން ފޯލިކް އެސިޑް ހުސްނުވާ ކަމަށާއި، އެ ކުންފުނީގެ އެކި ބޭސްފިހާރަތަކުން އެ ބޭސް ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ، މާލޭގެ ބާޒާރުން ފޯލިކް އެސިޑް ހުސްވެގެން ބޭސް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އާންމުންގެ މެދުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ސްޓޭޓް ފާމާއިން ބުނީ، އެ ކުންފުނީގެ މައި ސްޓޮކްގައާއި، މާލޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ އެ ކުންފުނީގެ ބޭސްފިހާރަތަކުގައި ވެސް ފޯލިކް އެސިޑް އެކަށީގެންވާ މިންވަރަކަށް އެބަހުރި ކަމަށެވެ. އަދި ބޭސް ހޯދުމުގައި އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މީގެއިތުރުން، ރާއްޖެއިން މި ބޭސް ހުސްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސްޓޭޓް ފާމާއިން ވަނީ އާންމު ރައްޔިތުންނަށް އަރުވާފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ފޯލިކް އެސިޑަކީ ޚާއްޞަކޮށް މާބަނޑު ދުވަސްވަރު ކުއްޖާގެ ސިކުނޑިއާއި މައިބަދައިގެ އުފެދުމުގައި ދިމާވާ މައްސަލަތަކުން ރައްކާތެރިވުމަށާއި، ލޭގެ ސެލްތައް އުފެއްދުމަށް ކޮންމެހެން މުހިންމު މާއްދާއެކެވެ.