ހއ. ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެއްކޮށް ނިންމުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތައްޔާރީ މަސައްކަތްތަކެވެ. އެގޮތުން ދުވާރުގެ މަސައްކަތް ނިމިފައިވާ މަގުތައް ލެވެލްކުރުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށްޓަކައި ސްޓޯމް ވޯޓަރ ޕައިޕްލައިން އެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރެވެމުންނެވެ.
ހޯރަފުށީގައި ވާރޭވެހި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރަށުގެ 2 ސަރަޙައްދެއްގައި ޕަމްޕް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމުގެ ސަބަބުން ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން މަގުތައް ތަރައްޤީ ކުރަމުން ގެންދަނީ ހޯރަފުށީ ރައްޔިތުންގެ ބޭނުންތަކާއި ޚިޔާލަށް އިސްކަންދީ، ރައްޔިތުން އެދޭގޮތަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެނެސްގެންނެވެ.