ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި ޕާކިސްތާނުގެ އެހީތެރިކަން ބޮޑު: ޚާރިޖީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި ޕާކިސްތާނުގެ އެހީތެރިކަން ބޮޑު: ޚާރިޖީ ވުޒާރާ

ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމުގައި ޕާކިސްތާނުން އަގުހުރި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅާ ގުޅޭގޮތުން ދަޢުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ހަމީދެވެ.

ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ހަމީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރިގެން ގޮސްފައިވާއިރު، މި ގުޅުން ބިނާވެފައިވަނީ ވަރުގަދަ އިސްލާމީ އަޚުވަންތަކަމެއްގެ މައްޗަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ދާއިރާތަކަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، "އަޅުގަނޑުމެންގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގައި އެހީތެރިވެދޭ. އޭގެ ތެރޭގައި ޚާރިޖިއްޔާގެ ބޭފުޅުން ތަމްރީނު ކުރުމުގައި، ސިއްޚީ ދާއިރާ ހިމެނޭ، ވޭތުވެ ދިޔަތާ ޕާކިސްތާނުގައި ޑޮކްޓަރުންވެސް ކިޔަވާފައިވޭ. މިހާރުވެސް ޕާކިސްތާނުގައި އެބަތިބި އަޅުގަނޑުމެންގެ ކިޔަވާކުދިން. ވޭތުވެ ދިޔަ ތަނުގައިވެސް އެކި ދައިރާތަކުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ،" ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ވާސިލުވެ، ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުން އެއްބާރުލުން ފުޅާވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ޤަބޫލުކުރައްވައެވެ.

މިއަދު އޮންލައިން