ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ދިވެހި ވަފުދާއެކު ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަޑައިގަތުމަށްފަހު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމަށް ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ ދެކަނބަލުންނަށާއި ވަފުދަށް ޕާކިސްތާނުން އަދާކުރި ހޫނު މަރުޙަބާއަށާއި، ބޭއްވި ރަސްމީ އިސްތިޤުބާލަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް ރައީސް ވަނީ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، މި ދަތުރުފުޅުގައި ކުރިއަށްދާނެ މަޝްވަރާތަކާއި ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ޕާޓްނާޝިޕް ވަރުގަދަވެ، ދެ ޤައުމުގެ ޙިއްޞާވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން