މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 24ސ
މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ 13 ވަނަ އެޑިޝަންގައި ބައިވެރިވުށްޓަކައި ރެޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ގައި، ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ. މިއަހަރުގެ ފޯރަމްގެ ޝިޢާރަކީ "ގްރީން ފައިނޭންސް: އަންލޮކިންގ ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.

މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައެވެ.

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ދެކެއެވެ. މިކަމުގެ ސަބަބުން ގައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ. އެހެންކަމުން، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކާއި ގުޅޭ މާލީ ވަސީލަތްތަކާއި އަދި މާކެޓްގެ ހާލަތްތަކާ ބެހޭގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް މި ފޯރަމްގައި އަލިއަޅުވާލެވޭނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރ އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން މާލީ ދާއިރާގެ ކުރިއެރުމަށް ހާއްސަ އިސްކަމެއް ދެއެވެ. ޕެންޝަން ފަންޑުގެ މެންބަރުންގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ ގައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިގްތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށެވެ.

މި ފޯރަމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި، މާލީ ދާއިރާގެ އިސްފަރާތްތަކާ ޚިޔާލު ބަދަލުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ރާއްޖެއަށް ފަހިވެފައިވާ އައު ފުރުސަތުތައް ދެނެގަތުމަށް ބައިވެރިންނަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ފޯރަމްގެ ވެބްސައިޓް www.financeforum.mv މެދުވެރިކޮށް މިހާރު ރެޖިސްޓްރޭޝަން ފުރިހަަމަ ކުރެވޭނެއެވެ.

މިއަދު އޮންލައިން