އިސްރަށްވެހިންގެ ޤައުމީ ސިޔާސަތު އެކުލަވާލައި، އެކްޝަން ޕްލޭން ތަންފީޒުކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އިސްރަށްވެހިންގެ ޤައުމީ ސިޔާސަތު އެކުލަވާލައި، އެކްޝަން ޕްލޭން ތަންފީޒުކުރަން ފަށައިފި

އިސްރަށްވެހިންނަށް އުފާވެރި، ފާގަތި އަދި އަބުރުވެރި މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި އެކުލަވާލި "އިސްރަށްވެހިންގެ ޤައުމީ ސިޔާސަތު" ތަންފީޒުކުރުމުގެ މަސައްކަތް ފަށައި، އެ ސިޔާސަތާ ގުޅޭ ޚާއްޞަ އެކްޝަން ޕްލޭން އެކުލަވާލައިފިއެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ 2025 ވަނަ އަހަރުގެ ރިޕޯޓް ހުށަހަޅުއްވަމުން އެ ވުޒާރާގެ ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އަކްރަމް ޙުސައިން އެވެ. ކޮމިޓީ ބައްދަލުވުމުގައި އަކްރަމް ވަނީ އިސްރަށްވެހިންގެ ލާބައާއި މަންފާއަށް އަމާޒުކޮށްގެން މިދިޔަ އަހަރު ހިންގާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ.

އެގޮތުން، މިދިޔަ އަހަރު އެކަނިވެސް މާލޭ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން 488 ޕްރޮގްރާމް ހިންގާފައިވާ ކަމަށާއި، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ޚިދުމަތްތައް ވެސް ވަރަށް ފުރިހަމައަށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުން މުޖުތަމަޢުގައި ބައިވެރިވާ މިންވަރު އިތުރުކުރުމަށް ހިންގި "އުފާވެރި ރާސްތާ" ޕްރޮގްރާމް 13 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ ޕްރޮގްރާމްތަކުގައި 1,180 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، އެނދުމަތިވެފައިވާ ނުވަތަ ދާންމަތިވެފައިވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން، ޝަރުޠު ހަމަވާ 35 ފަރާތަކަށް ޚިދުމަތް ދީފައިވާކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އަކްރަމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވުޒާރާގެ މެންޑޭޓުގައި ހިމެނޭ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން މުޖުތަމަޢުގެ ނާޒުކު ޙާލަތްތަކުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އަދި އަންހެނުން ބާރުވެރިކުރުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ޤާނޫނީގޮތުން ހޭލުންތެރިކުރުވުމުގެ 37 ޕްރޮގްރާމެއް ވެސް މިދިޔަ އަހަރު ވަނީ ހިންގާފައެވެ.

މިއަދު އޮންލައިން