ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން 100،000 ޒައިތޫނި ގަހުގެ ކުރިކޮޅާއި، ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި މާމެލާމެލީގެ 100،000 އޮށް ހަދިޔާކުރަން ޕާކިސްތާނު ސަރުކާރުން ނިންމައިފިއެވެ.
މިކަން އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
މި ބަޔާނުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޕާކިސްތާނުގެ ނުހަނު ގާތް އަޚުވަންތަ ޤައުމެއް ކަމަށާއި، ރާއްޖޭގެ މާހައުލީ މުއްސަނދިކަން އިތުރުކުރުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ދެ ޤައުމަށް އެއްބަސްވެވޭ އުސޫލެއްގެ މަތިން، ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި މި އެހީ ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ބޮޑުވަޒީރު ޝެހެބާޒު ޝަރީފް ވިދާޅުވި ގޮތުގައި، "އަޅުގަނޑުމެންގެ އަޚުވަންތަ ޤައުމު ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ހަރަކާތް ކުރިއެރުވުމަށް އެހީތެރިވުމަށްވެސް އަޅުގަނޑުމެން ވަނީ އެއްބަސްވެފައި،" އެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ ޕްރޮގްރާމަށް ބޭރުގެ އެކި ޤައުމުތަކުން އެހީތެރިކަން ލިބެމުންދާއިރު، ޕާކިސްތާނުން ދިން މި އެހީތެރިކަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ، ތަހުޒީބީ އަދި ތިމާވެށީގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.