ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވި ޝަރަފުވެރި "އޮނަރަރީ ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް" ޑިގްރީއާ ހަވާލުވެވަޑައިގެން، މި ޝަރަފަކީ މުޅި ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ފަޚުރެއް ކަމަށާއި މި ޝަރަފު ޙައްޤުވަނީ ދިވެހި ރައްޔިތުންނަށް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މީގެ 17 އަހަރު ކުރިން ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވި ދުވަސް ހަނދާން އައުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު މި ލިބިވަޑައިގެންނެވި އޮނަރަރީ ޑޮކްޓަރޭޓަކީ އޭރު އުއްމީދުކުރެއްވި މިންވަރަށްވުރެ މާ މަތިވެރި ޝަރަފެއް ކަމަށާއި، މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި އެކުވެރިކަން ރަމްޒުކޮށްދޭ އަގުހުރި ހެއްކެކެވެ.
ދުނިޔޭގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ނަމަވެސް، ހަނގުރާމަތަކާއި އަނިޔާވެރިކަމުގެ ސަބަބުން އިންސާނިއްޔަތުކަން ދަނީ ނިކަމެތިވަމުން ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ އަޑުއުފުލުމުގެ ޒިންމާ އިންތިހާއަށް ބޮޑުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޤައުމެއްގެ ކުޑަބޮޑުމިނަކީ އެ ޤައުމެއްގެ ޤަދަރާއި ޢިއްޒަތް މިންކުރެވޭނެ މިންގަނޑެއް ނޫން ކަމަށް ވިދާޅުވެ، ރާއްޖެއިން އަބަދުވެސް އިސްކަންދެނީ ޢިލްމާއި އީމާންތެރިކަން އެކުއެކީގައި ކުރިއަށް ގެންދިއުމުގެ މަތިވެރި އުޞޫލުތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ..
"ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ޤަދަރަކީ ބިމުގެ ބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން. އަދި ނަޒާހާތްތެރިކަމަކީ އިޤުތިޞާދީ ނުވަތަ އަސްކަރީ ބާރުމިނުން ކަނޑައެޅޭނެ ކަންކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ކޮންމެ ޤައުމަކަށާއި ރައްޔިތަކަށްވެސް ޝަރަފާއި އިޙުތިރާމު ލިބެންޖެހޭނެ ކަމަށާއި، އަމާން އަދި ޢަދުލުވެރި ދުނިޔެއެއް ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށް ކޮންމެ ޤައުމަކުންވެސް މަސައްކަތްކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.