ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ތާރީޚީ ބައިލެޓެރަލް މަޝްވަރާތަކަށްފަހު، ދެޤައުމުގެ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފައްޓަވައިދެއްވަމުން، ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ މިކަން ތަކުރާރުކުރައްވައި، ދެޤައުމުގެ މެދުގައި ދެމިގެންދާ ގުޅުމާއި އުންމީދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި 60އަހަރުގެ ދެޤައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވާފައެވެ. އެގޮތުން، ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ އިސްލާމްދީނާއި، އިޙްތިރާމްކުރުމުގެ މައްޗަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، 10އަހަރަށްފަހު، ކުރައްވާ މި ދަތުރުފުޅަކީ ކުރީގެ ގުޅުންތައް އައުކޮށް، ކުރިމަގުގައި ދެޤައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމަށް އެއްބަސްވެވިގެންދާނޭ ގުޅުމެއް ޤާއިމްކުރެވޭ ދަތުރުފުޅަކަށްވެގެންދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙީ، ތަޢުލީމީ، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުން، ފަންނުވެރިކަން، އިސްލާމީ އެފެއަރޒް، ފަތުރުވެރިކަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ފުލުހުންގެ ޚިދުމަތް، އަދި ދިފާޢީ ދާއިރާ ހިމެނޭހެން 20 އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އެއްބަސްވުންތަކަކީ އޭގެ ސަބަބުން، އެތައް ދާއިރާއަކުން ދެޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ހުޅުވިގެންދާ ފުރުޞަތުތަކެއްކަމަށެވެ. އަދި، ކުރިއަށް އޮތީ މިއެއްބަސްވުންތައް ފުރިހަމަކޮށް، އެއިން ނަތީޖާ ނެރުންކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި، ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު ދެއަހަރުގެ ތެރޭގައި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަކީ އަމާޒެއްކަމަށާއި ދެޤައުމަކީ ބޭނުންހިފިފައި ނުވާ ފުރުޞަތުތަކެއް ހުރި ދެޤައުމުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ވުނަކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ދެޤައުމުގެ މެދުގައި ސީދާ ފްލައިޓްތައް ތަޢާރަފްކުރުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން، މާދަމާ ބޭއްވޭ މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް ވެގެންދާނީ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، އީޖާދީ ފަންނުވެރިން އެކުވެ، ރާއްޖޭގައި ހިންގޭނޭ އެކި ވިޔަފާރިތައް ފެށިގެންދާނޭ ފޯރަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެޤައުމުގެ ޒުވާނުންގެ ބާރުވެރިކަމަށްވެސް ބައްލަވާލެއްވިއެވެ. އެގޮތުން، ދިވެހިންނަށް ޕާކިސްތާނުން ފޯރުކޮށްދެމުންދާ ސްކޮލާޝިޕާއި ތަމްރީނުގެ ފުރުޞަތުތަކާއި ޔުނިވަރސިޓީ ޕްލޭސްމަންޓް ފުރުޞަތުތަކަށް ޝުކުުރުދަންނަވާ، އެކަން އިތުރަށް ފުޅާކުރުމަށް ރާއްވަވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެލީޑަރުންވަނީ ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްތައް ހަރުދަނާކުރުމާއި، ތަމްރީނު، ވިޔަފާރި، އީޖާދީ، އަދި ލީޑަރޝިޕް ފުރުޞަތުތަކާއި، މީގެ ތެރޭގައި، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލައިޒޭޝަން، އަދި އީޖާދީ ޓެކްނޮލޮޖީތައް ހިމެނޭގޮތަށް، އިތުރަށް ފުޅާކުރުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ފޯރުކޮށްދެމުންދާ އެމްބީބީއެސް ފުރުޞަތުތައް އިތުރުކުރުމަށާއި ޕާކިސްތާނުން އެފަދަ ދަރިވަރުންނަށް އިންޓަރންޝިޕް ފުރުޞަތުތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކަށް ބައްލަވާލައްވާފައިވެއެވެ. މިއީ، ދިވެހިންގެ ތަރައްޤީއާއި ތަޢުލީމަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ދާއިރާއިން ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް ބައްލަވާލައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ވިލުންތެރިކަން ހަރުދަނާކުރުމަށް ރާއްޖެއިން ކުރިއަށްގެންދާ މަސައްކަތްތައް ކުރުމުގައި ރާއްޖެ ދެމިއޮންނޭކަމަށް ވިދާޅުވެ، އެފަދަ މަސައްކަތްތަކުގައި، ޚާއްޞަކޮށް، ކޮންޒަވޭޝަން، ދެމެހެއްޓެނިވި ގޮތުގައި ކުނި ނައްތާލުން، އަދި އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާތަކުން ޕާކިސްތާނުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޕާކިސްތާނުން ދީފައިވާ އެއްބާރުލުންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރަޙައްދީ ގުޅުންތައް ހަރުދަނާކުރުމުގައި ސާކްގެ ބޮޑު ދައުރެއް އޮތްކަމަށް ރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ސާކް ސަމިޓެއް ބޭއްވުމަށް ސާކްގެ މެންބަރު ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ތަކުރާރުކުރައްވާ، ޕާކިސްތާނުން ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ މަޝްވަރާތަކާއި ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމުގެ މަޝްރޫޢުތައް ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ މިއަދުގެ މަޝްވަރާތަކަކީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވުމަށް އެޅިގެންދާ ފިޔަޅެއްކަމުގެ ޔަޤީންކަން އަރުވަމުންނެވެ.
އެމަނިކުފާނު ވަނީ ބޮޑުވަޒީރާއި ޕާކިސްތާނުގެ ސަރުކާރާއި، އެޤައުމުގެ ރައްޔިތުން އެމަނިކުފާނަށް ދެންނެވި މަރުޙަބާއަށް ޝުކުރުއަދާކުރައްވާ، ބޮޑުވަޒީރު ޝަރީފު ރާއްޖެއަށް ވަޑައިގެންނެވުމަށް ދަޢުވަތުއަރުވާފައެވެ.