އަންހެނުންގެ ޞިއްޙަތާއި ތަޢުލީމީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނާއި ރާއްޖޭގެ ފަސްޓް ލޭޑީން މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 20ސ
އަންހެނުންގެ ޞިއްޙަތާއި ތަޢުލީމީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް  ޕާކިސްތާނާއި ރާއްޖޭގެ ފަސްޓް ލޭޑީން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު، އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި، މިއަދު ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެދެކެނބަލުންނަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ރައީސްއާއި ފަސްޓް ލޭޑީއާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވާފައި ވަނީ ވަކިވަކީންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ވިދާޅުވަމުން، ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޢާންމު ޞިއްޙަތުގެ ދާއިރާއިން، ޚާއްޞަކޮށް އަންހެނުންގެ ޞިއްޙަތަށް ހޭލުންތެރިކުރުމަށް އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތަޢުރީފު ކުރައްވާފައެވެ.

މި މަޝްވަރާތައް ބިނާކުރެއްވީ، ތަޢުލީމު ކުރިއެރުވުމާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން ފަދަ މުހިންމު އިޖުތިމާޢީ ކަންކަމުގެ މައްޗަށެވެ. މިގޮތުން، ގައިންގަޔަށް ނާރާ ބަލިތަކާއި، ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޞިއްޙީ ރައްކާތެރިކަމުގެ އިސްނެގުންތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ބާރުވެރިކުރުވުމުގައި ދެބޭފުޅުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. މިގޮތުން، ތަޢުލީމާއި އިޤްތިޞާދީ ބައިވެރިވުމާއި، އިޖުތިމާޢީ ރައްކާތެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ޤައުމުގެ ގުޅިފައިވާ އަމާޒުތަކުގައާއި ނާޒުކު މުޖުތަމަޢުތައް ކުރިއެރުވުމަށް ގާތުން މަސައްކަތްކުރެއްވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

މިއަދު އޮންލައިން