އަންހެންދަރިންނަށް ނަފްރަތުކުރާ ބައްޕައިންނަށް އަގުހުރި ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އަންހެންދަރިންނަށް ނަފްރަތުކުރާ ބައްޕައިންނަށް އަގުހުރި ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

އެއީ ތަނަވަސް ބައްޕައެކެވެ. ފާހަގަކޮށްލެވޭ މިލިއަނަރެކެވެ. އަނބިދަރިންނަށް ހެޔޮ މީހެކެވެ. ޤުމުރުން 60 އަހަރުގައި ދެކިޑްނީ ފޭލްވީއެވެ. އަވަހަށް ބަދަލުނުކުރެވިއްޖެނަމަ ފުރާނަ ސަލާމަތްކުރެވޭނެ ގޮތެއް ނެތެވެ.  

އަނބިމީހާވެސް، ދެދަރިންވެސް އެންމެ ކުޑަމިނުން ޓެސްޓްކޮށްލަންވެސް ބޭނުމެއް ނުވިއެވެ. އަންހެންދަރިފުޅު ބުނީ ބިރުގަންނަ ކމަށެވެ. ފިރިހެންދަރިފުޅާއި އަނބިމީހާ ވެސް ދެއްކީ ބަހަނާއެވެ.  

ބައްޕަ ހޮސްޕިޓަލުގައި އޮވެ ފުރާނައާ ހަނގުރާމަކުރަމުން ގެންދަނީއެވެ. ފިރިހެންދަރިފުޅު އަވަސްވެގަތީ ބައްޕަގެ ކުންފުންޏާއި މިލްކިއްޔާތު އޭނާގެ ބާރުގެދަށަށް ގެނައުމަށެވެ. މަންމަ އެކަމަށް ހިތްވަރުދެއެވެ.  

މިޙާލުގައި އޭނާ އޮއްވައި އޭނާއަށް ކިޑްނީއެއް ހަދިޔާކުރަން ނިންމީ އޭނާ އޮންނަ ކޮޓަރި ކުނިކަހަން އަންނަ ޒުވާން އަންހެން ކުއްޖެކެވެ. އެކަމަށް ކުރިމަތިލައި ޓެސްޓްތައް ހަދަންފަށައިފިކަން އެނގުމުން ފިރިހެން ދަރިފުޅު އަވަސްވެގަތީ އެކަމަށް ހުރަސްއަޅާށެވެ. ކިޑްނީ ނުދޭމަތިން އެތައް މިލިއަން ފައިސާއެއްވެސް ހުށަހެޅިއެވެ. އެކުއްޖާ އެކަން ޤަބޫލުނުކުރުމުން އެންމެ ފަހުވަޤުތު ބައަކު މެދުވެރިކޮށް ކުއްޖާ ވަގަށްވެސް ނެގިއެވެ. ނަމަވެސް ދެމިގަނެގެން ހޮސްޕިޓަލަށް އައިސް ކިޑްނީ ހަދިޔާކުރިއެވެ.  

އޮޕަރޭޝަން ކާމިޔާބުވެ ގަދަވުމުން އެއަންހެންކުއްޖާއަށް ހެޔޮ ބަދަލެއްދޭން އެކުއްޖާގެ ކަންކަން އޮޅުންފިލުވުމުން އެނގުނީ ޙައިރާންވާންޖެހުނު ކަމެކެވެ. އެކުއްޖާއަކީ ޒުވާން ޢުމުރުގައި އޭނާ ގެންގުޅުނު ލޯބިވެރިއަކު އޭނާއަށް ވިހާފައި ހުރި ކުއްޖެކެވެ. ދެމީހުން ވަކިވިއިރު ބަލިވެއިންކަން ނުއެނގެނީއެވެ. މަންމަ ދަރިފުޅަށް ޙަޤީޤަތް ސިއްރުކުރީއެވެ.  

ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ދިއައީ އެދެމައިންވެސް ގޮވައިގެންނެވެ. ލޯބިވެރިޔާއާއި ދެއަންތބަށް ކައިވެނިކުރިއެވެ. ދަރިފުޅަށް ދަރިއެއްގެ ދަރަޖަދީ މުދަލުން އެންމެ ބޮޑުބައި ލިބޭނެ ގޮތަށް ހަމަޖެއްސިއެވެ.  

ފިރިހެން ދަރިފުޅަށް ޖެހުނީ ދިގުމުއްދަތަކަށް ޖަލަށްވަންނާށެވެ. އެއީ މީހަކު ރަހީނުކުރުވުމާ މީހެއްގެ ފުރާނައަށް ގެއްލުންދޭން މަސައްކަތްކުރިކަމުގެ ކުށުގައެވެ. ދޮށީ އަނބިމީހާއަށް މިކަންކަމުން ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނެވެ. ދަރިފުޅު ގެއްލުނިތީއެވެ. ގޭގައި ބާކީވީތީއެވެ. ދެއަންހެންދަރިން ޤަޞްދުކުރީ އުޚުތުންގެ ގުޅުން ބާއްވައި އެކުގައި އުޅުމަށެވެ.  

މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގެ ކުލާޞާއެކެވެ. މިޙާދިސާއިން އަޅުގަނޑަށް ވިސްނުނު އެއްކަމަކީ އަންހެންދަރިންނަށްވީތީ ނިކަމެތިކުރާ މީހުންނަށް މިޙާދިސާގައި އަގުހުރި ފިލާވަޅެއްވާކަމެވެ. ހަމައެއާއިއެކު އެއީ ބައްޕަކަން ނުއެނގުނަސް ލޭގެ ގުޅުން އެދަރިފުޅުގެ މައްޗަށް ބާރިހިންގިކަމެވެ. ހިތުގައި ހަމްދަރުދީ އުފެއްދުވި ކަމެވެ. ވީމާ ކަމެއް ކޮންމެ ގޮތަކަށް މެދުވެރިވިޔަސް ލޭގެ ގުޅުން ދަމަހައްޓަންޖެހޭނެ ކަމެވެ. މިޙާދިސާގައި އެކަން އެއޮތީ ސިއްރުވެފައެވެ. ދެރައީ އެނގިތިބެވެސް ބަލައިވެސް ނުލައި ތިބޭކަމެވެ.

 

- ޝިއުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން