ޢިއްޒަތްތެރިންގެ ފަހަތުގަ ކުޑަގޮނޑީގަ ބައިތިއްބާ ގިނަ ބައަކު ޤިޔާމަތްދުވަހު ތިބޭނީ އެޢިއްޒަތްތެރިންނަށްވުރެ މާކުރީގަ! މާއުސް ތަޚުތުތަކުގަ! މާއަރާމުތަންމަތިތަކުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޢިއްޒަތްތެރިންގެ ފަހަތުގަ ކުޑަގޮނޑީގަ ބައިތިއްބާ
ގިނަ ބައަކު ޤިޔާމަތްދުވަހު ތިބޭނީ އެޢިއްޒަތްތެރިންނަށްވުރެ މާކުރީގަ! މާއުސް
ތަޚުތުތަކުގަ! މާއަރާމުތަންމަތިތަކުގަ!


ބައްދަލުވުމަކަށް ދިއަ ނަމަވެސް މިދުނިޔޭގައި ނިކަމެތިންނަށް ގޮނޑި ނުވަތަ ޖާގަ ލިބެނީ އިއްޒަތްތެރިންނާއި މަހުޖަނުންގެ ފަހަތުންނެވެ. އެމީހުން ބޭނުންވަރަކަށް ޖާގަ ހިފުމަށްފަހު ބާކީހުރިނަމައެވެ. ނަމަވެސް މަރުވުމުން އެކަން އޮތީ އެގޮތަކަށް ނޫނެވެ.

ދުނިޔޭގައި ކިތަންމެ ބޮޑު އިއްޒަތެއްގައި އުޅުނު ނަމަވެސް، ކިތަންމެ ބޮޑު މުއްސަނދި ކަމެއްގައި އުޅުނު ނަމަވެސް މަރުވާ ހިސާބުން އެކަންކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެމީހަކު މަރަށް ތައްޔާރުވެ ހުރި މިންވަރަކުން މެނުވީއެވެ. އާޚިރަތަށް ގެންދާނެ ހެޔޮ ޢަމަލުތައް ކޮށްފައިވާ މިންވަރަކުން މެނުވީއެވެ.  

އެމީހަކީ ދުނިޔޭގައި ކިތަންމެ ނިކަމެތި ޙާލުގައި އުޅުނު މީހެއް ނަމަވެސް މަރަށް ތައްޔާރުވެގެން ހުރި ނަމަ މަރުވާ ވަގުތުން ފެށިގެން އޭނާ ދުނިޔޭގައި ހުރެ ހޯދި ނުވަތަ އެއްކުރި މުއްސަނދިކަމުގެ ފައިދާ ލިބެން ފާށާނެއެވެ. ވީމާ ގަދައަޅައި މަސައްކަތް ކުރަންވީ ދުނިޔަވީ މުއްސަނދިކަމާއި ޢިއްޒަތަކަށް ނޫނެވެ. ގަދައަޅައި މަސައްކަތް ކުރަންވީ މަރަށް ތައްޔާރުވުމަށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަންގިގޮވީމާ އެއަޑު ނުއިވޭނަމަ އެމީހަކީ ވަރަށް ބޮޑު ނިކަމެތިކަމެއްގައިވާ މީހެކެވެ. ދުނިޔޭގައި އެމީހެއްގެ ކިތަންމެ ބޮޑު އިއްޒަތަކާއި ތަނަވަސްކަމެއް ހުރިނަމަވެސް އެމީހަކީ ނިކަމެތިކަން ލިބިގެންވާ މީހެކެވެ. އެކަން އިޙްޞާޞް ކުރެވިގެންދާނީ މަރުވުމުންނެވެ. ބުއްދިވެރިންނަކީ ދުނިޔޭގައި ތިބެ އެކަން އިޙްޞާޞްކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން މަސައްކަތްކުރާ މީހުންނެވެ. 

ތަކުރާރުކޮށްލާނަމެވެ! ތިއަބުނާ ދުނިޔޭގެ ބޮޑެތި ޢިއްޒަތްތެރިންގެ ފަހަތުގަ ކުޑަގޮނޑީގަ ބައިތިއްބާ ގިނަ ބައަކު ޤިޔާމަތްދުވަހު ތިބޭނީ އެޢިއްޒަތްތެރިންނަށްވުރެ މާކުރީގައެވެ. މާއުސް ތަޚުތުތަކުގައެވެ. މާއަރާމު ތަންމަތިތަކުގައެވެ. އެއީ އެމީހުންނަކީ ބުރަމަސައްކަތުން ޙަޤީޤީ ޢިއްޒަތްތެރިކަން ލިބިގަތް މީހުންކަމަށްވީތީއެވެ.   

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން