ރައީސަށް ލިބުނު ޝަރަފަކީ ޤައުމުގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ ހެއްކެއް: ޕީއެންސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ރައީސަށް ލިބުނު ޝަރަފަކީ ޤައުމުގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ ހެއްކެއް: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޤައުމުގެ ކުރިއެރުމަށް ކުރައްވަމުންދާ މަސައްކަތްތައް ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަމުންދާކަމުގެ ހެއްކެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނެފައިވަނީ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ދައުލަތަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވަމުންދާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، ޕާކިސްތާނުގެ ޔުނިވަރސިޓީން އެރުވި މި ޝަރަފަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވާފައެވެ.

މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޤައުމުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާކުރައްވައި ދައުލަތުގެ މުއައްސަސާތައް އިތުރަށް ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅުތައް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަމުންދާކަން ރަމުޒުކޮށްދޭ ކަމެއް ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މިއީ ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ގެންނަވަމުންދާ ހެޔޮ ބަދަލުތަކުގެ އިތުރުން، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުން ދިވެހިންނާއި ރާއްޖެ އިސްކުރައްވައިގެން އަވައްޓެރި ޤައުމުތަކާއި ދުރު ޤައުމުތަކާއެކު ހަމަހަމަ ގުޅުމެއް ބާއްވަވަމުން ގެންދެވުމުގެ ސަބަބުން ރާއްޖެއާއި ރައްޔިތުންނަށް ލިބެމުންދާ ފަޚުރެއްކަމަށްވެސް ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން