ގްރީން ހައުސްގައި ކިއުކަންބާއާއި މެލަން ހެއްދުމުގެ ފަންނީ ތަމްރީނު ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ގްރީން ހައުސްގައި ކިއުކަންބާއާއި މެލަން ހެއްދުމުގެ ފަންނީ ތަމްރީނު ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި

ގްރީން ހައުސްގައި ކިއުކަންބާއާއި މެލަން ހެއްދުމާ ގުޅޭގޮތުން ދަނޑުވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފަންނީ ތަމްރީނު ޕްރޮގްރާމެއް ހދ. ހަނިމާދޫގައި ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަނިމާދޫގައި ހުންނަ މޯލްޑިވްސް އެގްރިކަލްޗަރަލް ޕްރޮގްރާމް (އެމްއޭޕީ) ގެ ގްރީންހައުސްގައެވެ. ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ފެށި މި ޕްރޮގްރާމުގައި އެކި ރަށްރަށުން ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. އެގޮތުން، 7 ރަށަކުން ޖުމްލަ 22 ދަނޑުވެރިން މި ޕްރޮގްރާމުގައި ބައިވެރިވެ، ތަމްރީނު ހޯދަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނުގެ މައިގަނޑު މަޤުޞަދަކީ ގްރީންހައުސްގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަމާއި ޢަމަލީ ހުނަރުތައް ބައިވެރިންނަށް އުނގަންނައިދީ، އެ ހުނަރުތައް އިތުރަށް ތަރައްޤީކުރުން ކަމަށެވެ. މީގެ ސަބަބުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފައިދާހުރި ގޮތެއްގައި ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު ދަނޑުވެރިންނަށް ފަހިވެގެންދާނެއެވެ.

މީގެއިތުރުން، ދުނިޔޭގައި މިހާރު ބޭނުންކުރަމުންދާ ޒަމާނީ ދަނޑުވެރިކަމުގެ އުސޫލުތައް ރާއްޖެއަށް ތަޢާރަފުކޮށް ކުރިއެރުވުމަށާއި، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މި ޕްރޮގްރާމުގެ ސަބަބުން ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ތަމްރީނުތަކަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން