މާލެ އަދި އަތޮޅުތަކުގައި ކާބޯތަކެއްޗާއި އެކި ޚިދުމަތްތަކުގެ އަގުތައް މިދިޔަ އޮގަސްޓް މަހު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި "މަންތްލީ ސްޓެޓިސްޓިކްސް" ރިޕޯޓުގައިވާ ގޮތުން، ޖުމްލަ ގޮތެއްގައި ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ވަނީ 5.6 އިންސައްތައަށް ދަށްވެފައެވެ.
މާލެ ސަރަހައްދަށް ބަލާއިރު، އޮގަސްޓް މަހުގެ ތެރޭގައި ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް ވަނީ 5.8 އިންސައްތައަށް ދަށްވެފައެވެ. މިއަހަރުގެ ތެރޭގައި މާލޭގައި ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލިގެން ދިޔައީ ޖޫން މަހުގައެވެ. އެ މަހު މާލޭގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ހުރީ 7.8 އިންސައްތައިގައެވެ.
އަތޮޅުތެރޭގެ ހާލަތަށް ބަލާއިރު، ކެއިންބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް ނުވަތަ އިންފްލޭޝަން ރޭޓު މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ދިޔައީ މެދުކެނޑުމެއްނެތި އުފުލެމުންނެވެ. ނަމަވެސް، ވިދިވިދިގެން މައްޗަށް ދިއުމަށްފަހު އޮގަސްޓް އަދި ސެޕްޓެމްބަރު މަހު މި ރޭޓު ވަނީ ދަށަށް ދާން ފަށާފައެވެ.
މަރުކަޒީ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ކާބޯތަކެތީގެ އަގުތަކަށް ހެޔޮ ބަދަލެއް އައި ނަމަވެސް، ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގުތައް އަދިވެސް ހުރީ ނިސްބަތުން މަތީގައެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު ދަތުރުފަތުރުގެ ދާއިރާގެ އިންފްލޭޝަން ރޭޓު ހުރީ 9 އިންސައްތައިގައެވެ.