ރައީސް މުޢިއްޒުގެ ޕާކިސްތާން ދަތުރުފުޅުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދާނެ: ބޮޑުވަޒީރު ޝެހެބާޒް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ރައީސް މުޢިއްޒުގެ ޕާކިސްތާން ދަތުރުފުޅުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދާނެ: ބޮޑުވަޒީރު ޝެހެބާޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ، ރާއްޖެއާއި ޕާކިސްތާނުގެ އިޤްތިޞާދީ ގުޅުން މުޅިން އައު ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ދަތުރުފުޅެއް ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްވެގެން ގޮސްފައިވާ ކަމަށެވެ. މީގެއިތުރުން، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމުގެ އަމާޒެއް ކަނޑައަޅާފައިވާ ކަމަށްވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ. މި އަމާޒު ޙާޞިލުކުރުމަށްޓަކައި ހަރުދަނާ އެކްޝަން ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް ބޭނުންވާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިންސް (ޕީ.އައި.އޭ) އާއި އެހެނިހެން އެއާލައިންތައް މެދުވެރިކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއަށް ބިޒްނަސް ކޮމިއުނިޓީ އަދި ފަތުރުވެރިންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދީ، ޗުއްޓީ ހޭދަކޮށްލަން އަދި ވިޔަފާރިއަށް އެ ޤައުމުގައި ފުރުސަތު ހޯދަދޭން ބޭނުން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ދާއިރާއިންވެސް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރީގެ ދާއިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ހަރުދަނާ އުޞޫލުތަކެއްގެ މަތިން އިތުރު ފަހުމުނާމާތަކުގައި ސޮއިކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން، ރައީސް ޑރ. މުޢިއްޒު ރާއްޖެއަށް އަނބުރާ ވަޑައިގަންނަވާތާ ގާތްގަނޑަކަށް 2 ހަފުތާގެ ތެރޭގައި ޕާކިސްތާނު ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ރާއްޖެއަށް ފޮނުއްވާނެ ކަމަށްވެސް ބޮޑުވަޒީރު ޝެހެބާޒް ވަނީ އެ ފޯރަމްގައި އިޢުލާނުކުރައްވާފައެވެ.

މިއަދު އޮންލައިން