އަހުރެންނަށް ވިސްނޭ ގޮތުން އެއްވެސް އަންހެނަކީ ދެއަންތބަށް ކައިވެނިކުރަން ބޭނުންވާނެ މީހެއް ނޫނެވެ. އަދި ތިމާގެ ފިރިމީހާ އިތުރު އަންތބަކު ހޯދުމަކީވެސް ރުހެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ކަންކަން މެދުވެރިވާ ގޮތުން ކެތްތެރިވާން މަޖުބޫރުވަނީއެވެ.
ހަމައެއާއިއެކު އަންހެނުންގެ ޢާބާދީ އިތުރުވަމުން އަންނާތީއާއިވެސްއެކު ދެއަންތބަށް ކައިވެނިކުރުން އަންނަނީ ގިނަވަމުންނެވެ. އެހެންކަމުން މިހާރު ހުރިހާ އަންހެނުންވެސް ޤަބޫލުކުރަންވީ މިއީ އޮތް މަސައްލައެއްކަމެވެ. ކޮންމެ ވަޤުތަކުވެސް ތިމާއަށްވެސް މިފަދަ ކަމެއް ކުރިމަތިވެދާނެ ކަމެވެ.
އަހުރެންގެ ނަޞީޙަތަކީ ފިރިމީހާ އިތުރު އަންތބަކު ހޯދައިފިނަމަ އޭނާއާއި ވަދަކުރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ދިރިއުޅުމަށް ސަމާލުކަންދިނުމެވެ. އެކަމަށް ދެރަވި ނަމަވެސް އެކަން ފިރިމިހާއަށްވެސް އަދި ދެވަނަ އަނބިމީހާއަށްވެސް ނުއަންގާށެވެ. އަންގާނަމަ ކުރިމަތިކުރުވާ ފިއްތުންތައް ބޮޑުވާނެއެވެ.
ތިބާއަށް ފިރިމީހާގެ ކިބައިން އުނިވީބައި ފޫބައްދަން ކުރަން އޮތްކަމަކީ ސޯޝަލް މީޑިއާގެ ބޭނުންކުރުމާ އަދި އެހެންވެސް ގޮތަކުން ﷲ ތަޢާލާ ހުއްދަކުރައްވާފައިނުވާ ކަންކަން ކުރުމެއް ނޫނެވެ. ކުރަންޖެހޭނެ ކަމަކީ ﷲ ތަޢާލާއާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރުމެވެ.
ހަމައެއާއެކު ދެވަނަ އަނބިމީހާއަށް ޙަސަދަނުލާށެވެ! އޭނާ އެކުރީ ﷲ ތަޢާލާ އޭނާއަށް ހުއްދަކުރައްވަވާފައިވާ ކަމެކެވެ. ވިސްނާށެވެ. އެއީ ހަމަ ތިބާއަށްވެސް ކުރަންޖެހިދާނެ ކަމެކެވެ. އެދުވަހުން ތިބާއަށް ހުންނަންޖެހޭނެ ފައިވާނުގައި މިއަދުހުރެގެން ވިސްނާށެވެ! ބުނަން ހެއްޔެވެ؟ ދުވަހަކުވެސް ދެއަންތބަށް ކައިވެނިނުކުރާނެ ކަމަށް ބުނި އެތައް ބައަކު އެތިބީ ދެއަންތބަށް ކައިވެނިކޮށްގެންނެވެ. ދިރިއުޅެމުން އަންނީވެސް އުފަލުގައި ތިބެގެންނެވެ. ވީމާ އެކަމެއް ކުރަން ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ނުކުރާނެކަމަށްބުނެ ގަދަބަސްތައް ނުބުނާށެވެ. ކޮންމެހެން ބުނަންވެއްޖެނަމަ ބުނާށެވެ! "އުންމީދަކީ ދެވަނަ އަންތބަކަށް ނުވުމެވެ." އެއީ ބުނަން ރަނގަޅު ބަހެކެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް