ތިބާގެ އަތުގައި ކިތަންމެ އަގުބޮޑު ޖަވާހިރެއް އޮތްނަމަވެސް އެޖަވާހިރުދެކެ ތިބާ ލޯބިނުވާނަމަ، އެއަށް ދޭންޖެހޭ ސަމާލުކަމާ ރައްކައުތެރިކަން ނުދޭނަމަ ދެންވާނީ ކހިނަކުން ހެއްޔެވެ؟ އެޖަވާހިރު ތިބާގެ އަތުގައި އޮންނާނެ ހެއްޔެވެ؟
އަމިއްލަ ނަފުސާއިމެދުވެސް ވިސްނަންވީ ހަމަ އުޞޫލުންނެވެ. އަމިއްލަ ނަފުސަށްބަލާއިރު އެއީ އެއީ ކޮންމެ މީހަކަށްވެސް ލިބިފައިވާ އެންމެ އަގުބޮޑު ޖަވާހިރެވެ. އެއަށް ރައްކައުތެރިވުމަކީ އެމީހެއްގެ ކަމެކެވެ. އަމިއްލަ ނަފުސަށް ބޭނުންވާ ހަމަޖެހުމާއި އުފާވެރިކަން ހޯދައިދިނުމަކީވެސް އެމީހަކު ކުރަންޖެހޭނެ ކަމެކެވެ.
ބުނަންހެއްޔެވެ؟ އަމިއްލަ ނަފުސަށް ފަރުވާކުޑަކުރެވޭ މައިގަނޑު ދެސަބަބެއްވެއެވެ. އެއްސަބަބަކީ އެހެން މީހަކު ތިބާގެ އަގުވަޒަން ނުކުރުމެވެ. ތިބާއަށް ޙައްޤު މަޤާމާއި ޤަދަރު ނުދިނުމެވެ. ދެވަނަ ސަބަބަކީ އެމީހަކަށް އަމިއްލައަށް ކުރެވޭ ކުށްތަކެވެ. ހެދޭ ގޯސްތަކެވެ.
ވީމާ ރަނގަޅަށް ވިސްނައިލާށެވެ! ތިބާއަތުގައި އޮތީ ރަންގަނޑެކެވެ. މީހަކު އެއިގެ އަގުވަޒަންނުކުރުމަކީ އެރަނގަނޑުގެ އަގުން މިންވަރެއްވެސް ކުޑަވާނެ ކަމެއް ހެއްޔެވެ؟ ޛައްރެއްގެ މިންވަރުވެސް ކުޑައެއް ނުވާނެއެވެ. ދެން އޮތީ ތިބާއަށް ކުށެއް ކުރެވުމެވެ. ކޮންމެ ގޮތެއްވިޔަސް އެކަން ކުރެވުނީ ތިބާއަށެވެ. އެކަމަށް ދެރަވެ ކުރަން އޮތް ކަމަކީ އަމިއްލަ ނަފުސްގެ މަތިން ފަރުވާކުޑަކުރުމެއް ނޫނެވެ. ކުށްކުރެވުމުން ލިބުނު ދެރައަށްވުރެ ރަނގަޅު ގޮތެއް ނަފުސަށް ހޯދައިދޭން މަސައްކަތްކުރުމެވެ. އެއީ މަސައްކަތް ކުރުމުން ކާމިޔާބުކުރެވޭނެ ކަމެކެވެ. އިން ޝާ ﷲ
ކުރިމަތިވާ ކަންކަމަށް ދެރަވެ ކަރުނައަޅަން ނުޖެހި އަމިއްލަ ނަފުސް ސަލާމަތްކުރެވޭނީ މިކަންކަމަށް ވިސްނައި އަމިއްލަ ނަފުސުދެކެ ތިމާ އަމިއްލައަށް ލޯބިވާން މަސައްކަތްކުރުމުންނެވެ. ޔަޤީންކުރާށެވެ! އަމިއްލަ ނަފުސަށްވުރެ ލޯބިވާންޖެހޭނެ ވަނީ އެންމެ ފަރާތަކެވެ. އެއީ ﷲ ތަޢާލާއެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަވެސް ހިމެނޭ ގޮތުންނެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
- މިއަދުނޫސް